ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ރިސޯޓުތައް ބަންދުކުރަން ނިންމާފައިވަނީ ކޮވިޑް-19އާ ގުޅިގެން އެ ކުންފުނީގެ މައި ޓޫރިސްޓު މާކެޓުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އަޅާފައިވާ ޓްރެވަލް ރިސްޓްރިކްޝަންތަކާ ގުޅިގެންނެވެ. އެ މާކެޓުތަކުގެ ތެރޭގައި އިޓަލީ، ސްޕެއިން، ޖާމަނީގެ އިރުތުން ފްރާންސް ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެރެށޑައިސް ނޫން ވިލާގެ އެހެން ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލާނީ މިވަގުތު އެތަންތަނުގައި ތިބި ފަތުރުވެރިން ފުރައިގެން ދިއުމުންނެވެ. އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ރިސޯޓުތަކަށް ބުކިން ހަދާފައިވާ ހުރިހާ ފަތުރުވެރިންގެ ބުކިންތައް ޕެރެޑައިސްއަށް ބަދަލުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ވިލާ ގްރޫޕުން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ޕެރެޑައިޒް އައިލެންޑް ރިސޯޓް، ފަން އައިލެންޑް ރިސޯޓް، ހޮލިޑޭ އައިލެންޑް ރިސޯޓް، ރޯޔަލް އައިލެންޑް ރިސޯޓް އަދި ސަން އައިލެންޑް ރިސޯޓު ހިމެނެއެވެ.

ވިލާގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ރިސޯޓެއް ފިޔަވާ ހުރިހާ ރިސޯޓެއް ވަގުތީގޮތުން ބަންދު ކުރަން ނިންމާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަދުވުމާ ގުޅިގެން ވިލާ ކުންފުންޏަށް ލިބެމުން އަންނަ އާމްދަނީ ދަށްވުމުން އެކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ވަނީ މީގެ ކުރިން ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ކުންފުނިން ހިންގާ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ އާމްދަނީ ދަށްވަމުން ދާތީ، ކުންފުނިި ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މުސާރަތައް ކުޑަ ކުރުމަށް ނިންމާފައިވަނީ އެކި ގިންތިތަކަށް ބަހާލައިގެން ކަމަށްވެސް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.