ކޯވިޑް-19 އާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑްގެ މަސައްކަތްތަކެއް ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށްދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ އެތައް ބަޔަކު ކަންބޮޑުވުމެއްގައި އުޅެމުންދާ ދަނޑިވަޅެއްގައި ބައެއް ކުށްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އެކިގޮތްގޮތަށް އިންޓަރނެޓް މެދުވެރިކޮށް ފައިނޭންޝަލް ސްކޭމް ހިންގަމުންދާ ކަމަށް އަންގާފައި ވަނީ، އިންޓަޕޯލުން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިކަން އިންޓަޕޯލުން ވަނީ އިންޓަޕޯލްގެ ހުރިހާ މެންބަރު ގައުމުތަކަށް އަންގާފައި ކަމަށެވެ.

ފުލުހުން ބުނީ، ސާޖިކަލް މާސްކާއި އެހެނިހެން ބޭސްފަރުވާގެ ޑިމާންޑް ބޮޑުވެ މި ތަކެތި ފިހާރަތަކުން ލިބުމުގައި ދަތި ދުވަސްވަރެއްގައި، އިންޓަނެޓް މެދުވެރިކޮށް ފޭކް ފިހާރަތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ އެކައުންޓްތަކާއި އަދި މިފަދަ ތަކެތި ވިއްކާކަމަށް ދައުވާކުރާ ބަޔަކު އެބަ އުޅޭ ކަމަށެވެ. އަދި އީ-މެއިލް އެޑްރެސްތައް މިދުވަސްވަރު އިތުރުވެފައިވާކަން އިންޓަޕޯލްއިން ވަނީ އެންމެންގެ ސަމާލުކަމަށް ގެނެސްފައި ކަމަށް ފުލުހން ބުނެއެވެ. ފުލުހުން ބުނީ، އާއްމުން އޮންލައިންކޮށް ގަންނަ މާސްކާއި އެހެނިހެން މެޑިކަލް ސަޕްލައިތައް ނުލިބި އެމީހުންގެ ފައިސާތައް އޮންލައިންކޮށް ކުށްވެރިންނަށް ގެއްލޭ މިންވަރު އިތުރުވެފައިވާކަން އިންޓަޕޯލުން ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން، ކޮވިޑް-19 ފްރޯޑް ސްކީމްތަކުގެ ތެރޭގައި ހިމެނެނީ ފޯނު ފްރޯޑާއި ފިޝިން ފްރޯޑެވެ. ފޯނު ފްރޯޑުގައި، ކްލިނިކް ނުވަތަ ހޮސްޕިޓަލް އޮފިޝަލުންގެ ނަމުގައި ކުށްވެރިން މީހުންނަށް ފޯނުކޮށް އެމީހުންގެ އާއިލާ މެންބަރެއް މި ބަލީގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުނެ އެމީހުންނަށް ފަރުވާކުރުމަށް ޕޭމަންޓް ހެދުމަށް ބުނެއެވެ. އަދި ފިޝިން ފްރޯޑުގައި ގައުމީ ނުވަތަ ބައިނަލްއަގްވާމީ ސިއްހީ މާހިރުންގެ ނަމުގައި މީހުންނަށް އީ-މެއިލްކޮށް އެ އީ-މެއިލްގެ ޒަރިއްޔާއިން މީހުންގެ ޒާތީ މައުލޫމާތާއި ޕޭމަންޓް ޑީޓެއިލްސް ހޯދުން ނުވަތަ މަލްވެއާ ހިމެނޭ އެޓޭޗްމަންޓެއް ދީފައި އެ އެޓޭޗްމަންޓް ހުޅުވަން ބުނެއެވެ.

ފުލުހުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، އޮންލައިންކޮށް އެއްޗެއް ގަތުމުގެ ކުރިން ސަމާލުކަން ދޭންވީ ކަންކަމަށް އަލިއަޅުވާލާފައެވެ. އެގޮތުން:

  • އެއްޗެއް އޮންލައިންކޮށް ގަތުމުގެ ކުރިން، އެ ތަކެތި ވިއްކާ ކުންފުނި ނުވަތަ މީހަކީ ސައްޚަ ފަރާތެއްތޯ ބައްލަވައި ވެރިފައި ކުރުން
  • އެއްޗެއް ގަންނަން ތި އުޅެނީ ސައްހަ ވެބްސައިޓެއް މެދުވެރިކޮށްތޯ ކަށަވަރުކުރުން. މިސާލަކަށް: abc.com ގެ ބަދަލުގައި abc.org ކުށްވެރިން ބޭނުންކޮށްފައި އެބަހުރި. ވީމާ، ވެބްސައިޓްގެ ސައްހަކަން ކަށަވަރުކުރުން.
  • އޮންލައިން ރިވިއުތައް ބެލުން. އެއްވެސް ކަސްޓަމަރަކު ގަތް ތަކެތި ނުލިބިގެން އެ ވާހަކަ ވެބްސައިޓުގައި ލިޔެފައިވާނަމަ އެ ވެބްސައިޓް ބޭނުން ނުކުރުން.
  • ކުންފުނި ހުރި ގައުމު ނޫން އެހެން ގައުމެއްގައި ހުރި ބޭންކް އެކައުންޓަކަށް ޓްރާންސެކްޝަން ހަދަން ބުނާނަމަ އެ ޕޭމަންޓް ނުހަދާ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުން
  • ފްރޯޑް ވިކްޓިމްއަކަށް ވެއްޖެކަމަށް ގަބޫލު ކުރެއްވޭނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް އެކަން އަންގާ، އެ ޓްރާންސެކްޝަން ހުއްޓުވަން މަސައްކަތް ކުރުން
  • ގޮތް ނޭނގޭ މީހުންނާއި އެކައުންޓްތަކުން ފޮނުވާފައި ހުންނަ ލިންކްތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުން
  • މެޑިކަލް އިކުއިޕްމަންޓްތައް ފޯރުކޮށްދޭކަމަށް ބުނެ ނުވަތަ މެޑިކަލް ޗެކްސް ހަދައިދޭނެކަމަށްބުނެ އީ-މެއިލްގެ ޒަރިއްޔާއިން މީހުންގެ ޒާތީ މައުލޫމާތައް އެދޭނަމަ އެ އީ-މެއިލްތަކަށް އިޖާބަ ނުދިނުން ސަބަބަކީ، ސައްހަ ސިއްހީ އިދާރާތަކުން ޕޭޝަންޓުންގެ މައުލޫމާތު ހޯދުމަށް އީ-މެއިލް ގެ ޒަރިއްޔާ ބޭނުން ނުކުރާތީ

މީގެ އިތުރުން ފުލުހުން ވަނީ، މި ދުވަސްވަރު އޮންލައިންކޮށް ތަކެތި ގަންނަނަމަ އެ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްހަ ވެއިބްސައިޓެއްތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.