2020 ވަނަ އަހަރުގެ ފެށުމާއެކުގައިހެން މުޅި ދުނިޔެ ސިއްސުވާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އަދިވެސް ހައްލެއް ހޯދިފައި ނުވާއިރު ބަލިން ރައްކާތެރިވުމުގެ ގޮތުން އެކި ގައުމުތަކުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އެގޮތުން އަޅާ އެންމެ އާންމު އެއް ފިޔަވަޅަކީ ބޮޑެތި އެއްވުންތަކާ ބައްދަލުވުންތައް ފަސްކުރުން ނުވަތަ ކެންސަލް ކުރުން ކަމަށްވާއިރު، މި ދުވަސްވަރަކީ ގިނަ ޔުނިވާސިޓީތަކާ ކޮލެޖުތަކާ ސްކޫލްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އޮންނަ ދުވަސްވަރުވެސްމެއެވެ.

ކޮވިޑް-19 ބިރުވެރިކަމަށް އަދިވެސް ލުޔެއް ލިބިފައި ނުވާއިރު، ޖަޕާނުންވެސް ވަނީ އާންމު އެއްވުންތަކާ ބައްދަލުވުންތައް ބޭއްވުމުން އެކަހެރިވެފައެވެ. ނަތީޖާއެއް ގޮތުން ސްކޫލްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުތައް އޮތީ ނުބޭއްވިފައެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރި އެއް ބަޔަކީ ޖަޕާނުގެ އެލެމެންޓްރީ ސްކޫލެއްގެ ދަރިވަރުންތަކެކެވެ.

ކޮވިޑް-19އާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައިވާއިރު، ޖަޕާނުގެ އެލެމެންޓްރީ ސްކޫލްގެ ދަރިވަރުން ވަނީ އެކުދިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު، މަޝްހޫރު ގޭމިންގް ޕްލެޓްފޯމެއް ކަމަށްވާ 'މައިންކްރާފްޓް' ގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ފަށާފައެވެ.

'ޓެލީގްރެޖުއޭޝަން' އުސޫލުން މި ހަރަކާތް ކުރިއަށްދަން ކުރަމުންދާ މަސައްކަތަށް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތައުރީފުކުރަމުންނެވެ.

ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިންވެސް ވަނީ ދަސްވެނިވުމުގެ ރަސްމިއްޔާތު، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.