ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ދަންމަރު ހަވާލު ކުރުމުގެ ރަސްމިއްޔާތު މިފަހަރު ކުރިއަށް ގެންދާނީ ވަރަށް ކުޑަ ގޮތަކަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ގްރީސްގެ ވެރިރަށް އެތެންސްގައި ކުރިއަށްދާ މި ހަރަކާތް، ވީހާވެސް ކުޑަ ގޮތަކަށް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވަމުން ދިއުމުގެ ސަބަބުންނެވެ.

އޮލިމްޕިކްސް ދަންމަރު ރޯކުރުމަށް އޮލިމްޕިއާގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައިވެސް އެއްވެސް ބެލުންތެރިއަކަށް ބައިވެރިވުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. އަދި ދަންމަރު ހިފައިގެން ދުވަމުން ކުރިއަށް ގެންދާ ރިލޭވެސް ވަނީ ކެންސަލްކޮށްފައެވެ.

ގްރީސްގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 228 ކޭހެއް ވަނީ ފެނިފައެވެ. އަދި މި ބަލީގައި 3 މީހަކު ވަނީ މަރުވެފައެވެ.

ގްރީސްގެ އޮލިމްޕިކްސް ކޮމިޓީއިން ބުނީ މީގެ ކުރިން ދޫކޮށްފައިވާ ފާސްތަކަކަކީވެސް މިހާރު ބޭނުން ކުރެވޭނެ ފާސްތަކެއް ނޫންކަމަށެވެ.

ޖަޕާނާވީ ފަޅިން އޮލިމްޕިކްސް ދަންމަރު ރިލޭ ފަށަން ހަމަޖެހިފައި އޮތީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ ނުރައްކަލާއެކުވެސް ޓޯކިޔޯ 2020 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކުރިއަށްދާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝީންޒީ އަބޭ ގެންދަވަނީ ވިދާޅުވަމުންނެވެ.