ސޫރިޔާ ވައިޓް ހެލްމެޓްސްއިން ސޫރިޔާގެ ކުޑަކުދިންތަކެއް ސަލާމަތް ކުރުމުގެ މަސައްކަތުގައި/ފޮޓޯ: އާވްސާތް

މެދުއިރުމަތީގެ ގައުމުތަކަށް 'އަރަބި ބަހާރު'ގެ ނަމުގައި ގެނައި ޑިމޮކްރަޓިކް އިންގިލާބީ އޮއެވަރުގައި ޖެހުނު ގޮތަށް، އަދާ ހަމައަށް އައި އިރުވެސް ސުލްހަ ލިބިފައި ނުވާ ސޫރިޔާގެ ހަނގުރާމައަށް 10 އަހަރު ފުރުނީއެވެ. ވެރިކަމުގައި މިއަދުވެސް ހުރީ ހަނގުރާމަ ފެށިގެން އައިރުވެސް ވެރިކަމުގައި ހުރި ބައްޝާރު އަލް-އަސަދުއެވެ.

ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ބޭރުގެ އަސްކަރީ ފައުޖުތަކާ ހަތިޔާރުއެޅި ހަނގުރާމަވެރިން ވަދެ، ވަރުގަދަ ހަނގުރާމައެއް ކުރުމަށްފަހު އެ ފައުޖުތަކުން މިހާރު ސޫރިޔާއަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އަސަދަށް ވާގިދޭ އަސްކަރިއްޔާއިން އަދިވެސް ދަނީ އެންމެ ވެލިފުކެއްގެ މިންވަރުވެސް ސަރުކާރަށް ގެއްލިދާނެތީ ކުރިމަތިލުންތައް ވަރުގަދަ ކުރަމުންނެވެ.

ސޫރިޔާގައި ހާލުގައިޖެހިފައިވާ ކުދިންތަކެއް ވަގުތީ ހިޔާތަކުގެ ކައިރީގައި/ފޮޓޯ: ބަރާކް ކާރާ

2011 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ސުލްހަވެރި އެއްވުމެއްގައި ރައްޔިތުން މަގުތަކަށް ނިކުތީ މިއަދު އޮތް ހާލު މެދުވެރިވެދާނެ ކަމަށް ވިސްނައިގެނެއް ނޫނެވެ. އެ މުޒާހަރާތަކާ އިހުތިޖާޖުތަކަކީ ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ހައިޖާނު ބޮޑު ހަނގުރާމައިގެ ފެށުމަށް ވެދާނެއޭ ހީކުރި މީހަކު އެދުވަހުގެ މުޒާހަރާގެ މައިދާނަކު ނެތެވެ. މުޒާހަރާތަކަށް ނިކުތް ނިކުތުމަކީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނާ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ އިތުރުން ބޭރުގެ އަސްކަރީ ފައުޖުތަކަށް ގައުމު ހުޅުވާލަދިނުން ކަމަށް ވިސްނި މީހަކުވެސް ނެތެވެ.

ނަމަވެސް، މަސްރަހު ބަދަލުވިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފީ ހަނގުރާމަވެރިންނާ އަސްކަރިއްޔާއިންނެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސްގެ ރެކޯޑްތައް ދައްކާ ގޮތުގައި ސޫރިޔާގައި ހަނގުރާމާގައި މަރުވި މީހުންގެ އަދަދު 384000 އަށް އަރައެވެ. އޭގެ ތެރޭގައި އާންމު ރައްޔިތުންގެ 116000 މީހަކު ހިމެނެއެވެ.

ދީރް-އަލް-ޝަރްގީއަށް ވައިގެ ހަމަލާ އަމާޒުވި ސަރަހައްދުގައި ސޫރިޔާގެ މަދަނީ ދިފާއުގެ ޓީމުން ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެފްޕީ

ސޫރިޔާގެ ސިޓީތަކާ އަވަށްތައް އޮތީ ސުންނާފަތިވެ ވީރާނާވެފައެވެ. އިގުތިސޯދު އޮތީ އިނދަޖެހި، ފުނޑުފުނޑުވެފައެވެ. 11 މިލިއަނަށް ވުރެ ގިނަ މީހުންނަކީ މިއަދު ރެފިއުޖީންނެވެ. ގައުމާއި ގައުމުން ބޭރުގައެވެ.

"އަހަރަމެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ. ސޫރިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ޙަލަބަށް ނިސްބަތްވާ އެކްޓިވިސްޓެއް ކަމަށްވާ ހާލާ އިބްރާހީމް ބުންޏެވެ. މިއަދު ހާލާއަކީވެސް އަމިއްލަ ގެދޮރު ގެއްލިފައިވާ މީހެކެވެ. ދިރުއުޅެމުންދަނީ އަދިވެސް ހަމަނުޖެހުންތައް ހިންގަމުންދާ އިދްލީބު ޕްރޮވިންސްގައެވެ.

"އަހަރެން ޔުނިވާސިޓީ ދޫކޮށްލިން. ގެއަށް ބޮން އަޅާ ސުންނާފަތިކޮށްފި" އުމުރުން 30 ގެ އަހަރުތައް ގުނަމުންދާ ހިތްވަރުގަދަ ހާލާ އިތުރަށް ކިޔައިދިނެވެ.

ރަޝިޔާއާއި އީރާނު އަސްކަރިއްޔާގެ އިތުރުން ލުބްނާނުގެ ހިޒްބުއްލޯ ހަނގުރާމަވެރިންގެ އެހީތެރިކަމާއެކު އަސަދަށް އެއްބާރުލުންދޭ ސޫރިޔާގެ އަސްކަރިއްޔާއިން މިހާރު ވަނީ، ހަނގުރާމާގައި ސުންނާފަތި ވެފައިވާ ސޫރިޔާގެ 70 ޕަސެންޓް ކޮންޓްރޯލް ނަގާފައެވެ.

ސޫރިޔާ ސަރުކާރުން އިދްލީބަށް ދިން ވައިގެ ހަމަލާތަކުގައި ޒަހަމްވީ މީހަކު އުފުލާލައިގެން ގެންދަނީ/ފޮޓޯ: އަނަދޯލޫ އޭޖެންސީ

ސޫރިޔާ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ބުރައެއް އުފުލަމުންދާ އެއް ގައުމަކީ ސޫރިޔާގެ އަވަށްޓެރި ތުރުކީވިލާތެވެ. ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އެއްބާރުލުން ދެމުންދާ ތުރުކީވިލާތުން ވަނީ ސޫރިޔާގެ އިދްލީބާ ހިއްސާކުރާ ބޯޑަރުގައި އަސްކަރީ ސަފުތައް ރުކުރުވާލާފައެވެ.

ސޫރިޔާގެ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ދޭތެރެ ދޭތެރެއިން އެއްބަސްވުންތައް ތަންފީޒު ކުރަމުންދާއިރު މިފަދަ އެއްބަސްވުމެއް އެންމެ ފަހުން ތަންފީޒުކުރަން ފެށި މިމަހު ކުރީކޮޅުގައެވެ. މިއާއެކު ތުރުކީވިލާތާ ރަޝިޔާގެ އަސްކަރިއްޔާއިންވަނީ އިދްލީބު ޕެޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. ކަންމިހެން އޮތްއިރު ޕެޓްރޯލް ކުރުމާ ދެކޮޅަށްވެސް ސޫރިޔާގައި ވަނީ މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. މުޒާހަރާގެ ބައިވެރިންވަނީ ޓަޔަރުތަކުގައި ރޯކޮށް ހެދުން ފަދަ އަމަލުތައް ހިންގާފައެވެ.

ނަތީޖާއަކަށްވީ ރަޝިޔާގެ އެއްބާރުލުމާއެކު ސޫރިޔާގެ އަސްކަރިއްޔާއިންވެސް ވަރުގަދަ ކެމްޕޭނެއް ފެށުމެވެ.

ސީރިއަން އޮވްޒަވޭޓަރީގެ ރެކޯޑްތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ސޫރިޔާގައި އަސްކަރީ ހަރަކާތްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު، އާންމުންގެ 500އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ރެފިއުޖީންނަށްވިއެވެ.

ޝަމީމާ ބޭގަމް އެންމެފަހުން ވިހޭ ދަރިފުޅު އުރާލައިގެން ސޫރިޔާގެ ރެފިއުޖީ ކޭމްޕެއްގައި/ފޮޓީ: ޖޭމީ ވައިޒްމަން

މި ފަހުގެ ހަމަނުޖެހުންތަކުގައި ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާ އެކަކީ ސިހާމް އަބްސްއެވެ. އެއީ 7 ދަރިންގެ މައެކެވެ. ފާއިތުވީ 2 މަހެއްހާ ދުވަހު އޭނާގެ އާއިލާއިން ހިޔާވަހިކަން ހޯދަމުން ދިޔައީ ބަރުދަގުލީއާ އާއި ދާދި ކައިރީގައިވާ ކޭމްޕެއްގައެވެ. އެ ސަރަހައްދަކީ ޗަކަބިމުގެ ސަރަހައްދެއްކެވެ. ނަމަވެސް، އެއްޗެއް ދޮވެލަންދާނެ އެއްވެސް ތަނެއް ސިހާމްގެ އާއިލާއަކަށް ނެތެވެ.

"އުމުރުން މިހާރު 50 އަހަރުވީ. އެކަމަކު މިވަރުގެ ދަތި ދުވަސްތަކެއް ދުވަހަކުވެސް ނުދެކެން" ސިހާމް ބުންޏެވެ.

ސިހާމްގެ އާއިލާ ފަދައިން ކޭމްޕަކުން ޖާގަ ނުލިބޭ އެތައް ބަޔަކު މިހާރުވެސް ސޫރިޔާގައި އެބައުޅެއެވެ. އެމީހުން ނިދާ ހަދަނީ ހާމަ ބިންތަކުގައެވެ. ނުވަތަ ސްކޫލްތަކާ މިސްކިތްތަކުގައެވެ. ނުވަތަ އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ އިމާރާތްތަކުގައެވެ.

އދއިން ސޫރިޔާއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ޖެއިރް ޕެޑާސަން ވިދާޅުވާ ގޮތުގައި، ސޫރިޔާގެ މަސްރަހުން ރަމްޒުކޮށްދެނީ ޑިޕްލޮމަސީގެ ހުރިހާ އިމަކުން ފެއިލްވުމުގެ ނަތީޖާއެވެ. ސޫރިޔާގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަކީ އެނޫން ބަޔަކަށް ފަހުމްވެ، ގަބޫލުކުރަންވެސް ދަތި ދަރަޖައިގެ ވޭންތަކެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

2018 ވަނަ އަހަރު އދއިން އާންމުކުރި ރެކޯޑްތައް ދައްކާ ގޮތުން ސޫރިޔާއަށް ލިބިފައިވާ ގެއްލުމުގެ އަގު 400 ބިލިއަން ޑޮލަރަށް އަރައެވެ. މިއަދަދު މިހާރު، މިއަށްވުރެ އެތައް ގުނައެއް އިތުރުވުންވެސް އެކަށީގެންވެއެވެ.

ސޫރިޔާ ވައިޓް ހެލްމެޓްސްއިން ސޫރިޔާގެ ކުޑަކުދިންތަކެއް ސަލާމަތް ކުރުމުގެ މަސައްކަތުގައި/ފޮޓޯ: އާވްސާތް

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ ޔުނިސެފުން މައުލޫމާތު ދޭ ގޮތުގައި، ސިއްހީ ހިދުމަތްދޭ ތަންތަން ވަނީ ސުންނާފަތިވެފައެވެ. ކޮންމެ 5 ސްކޫލަކުން 2 ސްކޫލަކީ މިހާރު ބޭނުން ކުރެވޭ ސްކޫލެއް ނޫނެވެ.

ސޫރިޔާގެ 10 އަހަރުވީ ހަނގުރާމަ ގެނެސްދިން ހަމައެކަނި އެއްޗަކީ އިންތިހާ ވޭނާ ސުންނާފަތިކަން ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވެސް ވަނީ ސިފަކުރައްވާފައެވެ. މި ހަނގުރާމައަކީ އަސްކަރީ ހައްލެއް އޮތް ކަމެއް ނޫޏްކަމަށާ، މިއީ ފުރިހަމަ ޑިޕްލޮމަސީއަކަށް ފުރުސަތު ދޭންވީ ވަގުތު ކަމަށްވެސް ގުޓެރޭޒްވަނީ ވިދާޅުވެފައެވެ.