ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވުމާ ގުޅިގެން 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، 212 މިލިއަން ރުފިޔާ އަކީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ކަމަށެވެ. އަދި މި އަދަދުގައި ރާއްޖެއަށް ލިބޭ ހިލޭ އެހީތައް ނުހިމެނޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު، މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން، އިގްތިސޯދު ކުރިއަރާ މިންވަރު ބޮޑު ތަނުން ދަށަށްދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް އަޔަ ނުދޭން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އައިސްފައިވާ ކަމަށާއި އަދި ރާއްޖޭގެ އިގްތިސޯދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އަންނަމުންދާ ކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހް ވިދާޅުވީ، ކުރިން އަންދާޒާ ކޮށްފައިވާ ގޮތުން މިއަހަރުގެ ތެރޭގައި 7.5 ޕަސަންޓުގައި ޖީޑީޕީ ކުރިއަރާނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން، އިގްތިސޯދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު 0.5 ޕަސަންޓާއި -5.6 ޕަސަންޓާއި ދެމެދުގެ މިންވަރެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން، އިއްޔެ ސާކް ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ޓެލެކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ވެސް ރައީސް ވަނީ، ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ގާތްގަނޑަކަށް 450 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.