ސޭންޑީސް ބަތަލާ ރިސޯޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި 2 މީހުން ރާއްޖެއައީ މިމަހު 3 ވަނަ ދުވަހު ކަމަށް ކޮވިޑް-19 ޓާސްކްފޯހުން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ ހުސެއިން ވިދާޅުވީ، އެމީހާ އަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ 70 އަހަރުގެ މީހާ ކަމަށާއި އޭނާގެ ހާލު މިހާރު ދަނީ ރަނގަޅު ވަމުން ކަމަށެވެ.

ޑރ. މޫސާ ވިދާޅުވީ، އޭނާގެ ސާމްޕަލް ނަގާ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައި ވަނީ މިމަހު 8 ވަނަ ދުވަހު ކަމަށާއި، އޭނާ ވަނީ އެހިސާބުން ފެށިގެން ފަރުކޮޅުފުއްޓަށް ޓްރާންސްފާ ކޮށްފައި ކަމަށެވެ. އަދި ޑޮކްޓަރުން ބެލި ބެލުމުން އޭނާގެ ދެފަރާތުގެ ފުއްޕާމޭގައި ވެސް ނިއުމޯނިއާގެ ސަބަބުން އިންފެކްޝަން ހެދިފައިވާކަން އެނގުނު ކަމަށެވެ. އޭނާ އައިސީޔޫއަށް ބަދަލުކޮށްފައި ވަނީ އޮކްސިޖަން ލެވެލަށް ބަލާ، އޭނާގެ ބަލި ހާލަތު ގޯސް ކަމަށް ޑޮކްޓަރުންނަށް ފެނިފައިވާތީ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

70 އަހަރުގެ މީހާގެ ހާލަތާ ބެހޭގޮތުން ޑރ. މޫސާ ވިދާޅުވީ، ކޮވިޑް-19އަށް ވަކި ފަރުވާއެއް ނެތްކަމުގައި ވީ ނަމަވެސް، އޭނާއަށް ފަރުވާ ކުރަމުން ދިޔައީ ދުނިޔޭގެ އެކި ހިސާބުތަކުގައި ރިސާޗްގެ ގޮތުގައި ބޭނުން ކުރަމުންދާ ފަރުވާތައް ކަމަށެވެ. އަދި ފުރަތަމަ ދެ ދުވަހު އޭނާއަށް އޮކްސިޖަން ދޭން ޖެހުނު މިންވަރު އިތުރުވެ، ހުން ނުފިލާ، އޭނާގެ ހާލަތު ގޯސް ކަމަށް ދެއްކި ކަމުގައިވީ ނަމަވެސް، މިހާރު އޭނާގެ ހާލު ރަނގަޅުވެ، އޭނާގެ ގައިގައި ހުމުގެ އަސަރު ނެތް ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

ޑރ. މޫސާ ވިދާޅުވީ، 70 އަހަރުގެ މީހާއާއެކު އޭނާގެ އަންހެނުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ އެއީ ދެމަފިރިން ކަމުގައި ވެފައި، އޭނާ ވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވުމުން ކަމަށެވެ. އަދި އެ އަންހެން މީހާގެ ހާލު ރަނގަޅު ކަމާށެވެ. ޑރ. މޫސާ ވިދާޅުވީ، އެ ދެމަފިރިން ބާއްވާފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ވެސް ދެ އެނދެއްގައި ކަމަށެވެ.

މީގެ އިތުރުން، ޑރ. މޫސާ ވިދާޅުވީ، އިއްޔެ ރޭގެ ވަގުތެއްގައި މޮނިޓަރިންއަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލައަށް އިތުރު ދެ މީހަކު ގެންގޮސްފައިވާ ކަމަށެވެ. އަދި އެއީ ދެމަފިރިން ކަމަށާއި، އެ ދެމީހުން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރި އިރު ނެގެޓިވް ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. ޑރ. މޫސާ ވިދާޅުވީ، ފުރަތަމަ ޓެސްޓް ނެގެޓިވް ކަމަށް ދައްކާފައިވީ ނަމަވެސް، ދެވަނަ ޓެސްޓެއް ހެދުމަށް އެމީހުން ވަނީ، ހޮސްޕިޓަލުގައި ބައިތިއްބާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.