މީރު އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނެގި 12 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މީރު އައިލަންޑް ރިސޯޓުން ނެގި 12 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށް މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައިވާ ކަމަށެވެ. 12 ސާމްޕަލް އެރަށުން ނަގާފައިވާކަމަށް އެޗްޕީއޭ އިން ބުނެފައި ވީ ނަމަވެސް އެރަށޫން މި ބައްޔަށް ޓެސްޓުކޮށްފައިވަނީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރެއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މީރު އައިލެންޑް ރިސޯޓުން ބިދޭސީންތަކެއްގެ ސާމަޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ނަމަވެސް މި ބައްޔަށް ޝައްކު ކުރެވިގެން ސާމްޕަލް ނަގާފައިވަނީ ކިތައް ބިދޭސީންގެ ކަން އަދި އެނގިފައެއް ނުވެއެވެ.

މިހާތަނަށް ރާއްޖޭގައި މިބައްޔަށް ޖުމްލަ 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ހުސް ބިދޭސީންނެވެ. ކުރެއްދޫންއިން ޕޮޒިޓީވްވި 5 ފަރާތަކީ އެ ރިސޯޓަށް ޗުއްތީ ހޭދަކުރަން ދިޔަ އިޓަލީ މީހާގެ ގައިން މި ވައިރަސް ޖެހިފައިވާ މީހުންނެވެ. ބާކީ ތިބި 8 ބިދޭސީންނަކީ ރާއްޖެއަށް އައި ފަތުރުވެރިންނެވެ. އަދި އެމީހުން ރާއްޖެއަށް އައި އިރުވެސް ވަނީ މި ވައިރަސް ޖެހިފައެވެ.

މިހާތަނަށް ކުރެއްދޫން އިން 5 ބިދޭސީއަކާއި ކުރަމަތިން 2 ބިދޭސީއަކާއި، ސޭންޑީސް ބަތަލާއިން 2 ބިދޭސީއަކާއި، އަނަންތާރާއިން 2 ބިދޭސީއެއްގެ އިތުރުން އައިލެންޑް ސަފާރާިން 2 ބިދޭސީންނަކީ މި ބައްޔަށް ޕޮޒިޓިވް ވި ފަރާތްތަކެވެ. ރާއްޖެއިން އެނެމެ ފުރަތަމަ މި ބަލި ފެނިފައިވަނީ ކުރެއްދޫންނެވެ.