ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ގެސްޓުންނާއެކީ ފުވައްމުލައް ސިޓީއަށް ދަތުރު ކުރި އައިލެންޑް ސަފާރީން ފޭބި މީހުންނާ ކޮންޓެކްޓް ވި މީހުން ބަލަމުންދާ ކަމަށް މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 އާ ގޫޅޭގޮތުން މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، އައިލެންޑް ސަފާރީ ނަމަކަށް ކިޔާ އުޅަނދު ފުވައްމުލައް ކައިރީގައި އޮތް އިރު، އެ ސިޓީއަށް ސަފާރީއިން ޓޫރިސްޓުން ފޭބިތޯ ބަލައި ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލަކަށް ސަފާރީ ގޮސްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ފުރާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މިހާރު ސަފާރީއިން ފޭބި މީހުން ދިޔަ ތަންތަނާއި ބައްދަލު ކުރި މީހުން ދަނީ ބަލަމުންނެވެ.
މީގެއިތުރުން ސަފާރީއަށް ތެޔޮ އެޅުމަށް ގއ. ވިލިނގިއްޔަށް ދިޔަ ކަމަށާއި ނަމަވެސް އެ ސަފާރީގެ އެއްވެސް މީހަކު އެ ރަށަށް ފައިބާފައި ނުވާކަން ފުލުހުން ޔަގީންކޮށްދީފައި ވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިރޭގެ ޕްރެސްގައި މަބްރޫކް ވިދާޅުވީ މިހާރު އެ ސަފާރީ ލ. އަތޮޅަށް ދަތުރު ކުރަމުން ދާ ކަމަށެވެ. އެ ސަފާރީގައި ޕޮޒިޓިވް ވެފައިވާ ތިބި ދެ މީހުން މިވަގުތަށް ލ. އަތޮޅަށް ގެންދިޔަ ނަމަވެސް އެމީހުން ފަރުކޮޅުފުއްޓަށް ގެންދަން ޖެހޭތޯ މިހާރު ޑޮކްޓަރުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އައިލެންޑް ސަފާރީ އުޅަނދު ކަރަންޓީނުގެ ހާލަތަށް ގެނެސް އޭގައި ތިބި 16 މުވައްޒަފުންނާއި 14 ގެސްޓުންނާއެކު ސަފާރީ މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19 އާ ގުޅީގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިތީތަކެއް ވަނީ ގާއިމް ކޮށްފައެވެ. އަތޮޅުތެރޭގައި ކޮވިޑް-19 އާ ގުޅިގެން ޖުމްލަ 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ގާއިމް ކޮށްފައިވާ އިރު، ލ. އަތޮޅުގައި 28 ކަރަންޓީން ފެސިލިޓީއަކާއި 22 އައިސޮލޭޝަން ފެސިލިޓީއެއް ވަނީ ގާއިމް ކޮށްފައެވެ.
މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ.