އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19އަށް ޕޮޒިޓިވްވި 2 ގެސްޓުން ލ. އަތޮޅަށް ގެންދިއުމަށް ނިންމާފައި ވާ ކަަމަށާއި އަދި އޭގައި ތިބި 16 މުވައްޒަފުން ސަފާރީގައި މާލެއަށް ގެނައުމަށް ނިންމާފައިވާ ކަމަށް މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19އާ ގުޅޭގޮތުން މައުލޫމާތު ދެއްވާ ތަރުޖަމާނު މަބުރޫކް ވިދާޅުވީ، އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީ މިހާރު ދަނީ ލ. އަތޮޅަށް ދަތުރު ކުރަމުން ކަމަށެވެ. އެ ސަފާރީގައި ޕޮޒިޓިވް ވެފައިވާ ދެ މީހުން މިވަގުތަށް ލ. އަތޮޅަށް ގެންދިޔަ ނަމަވެސް އެމީހުން ފަރުކޮޅުފުއްޓަށް ގެންދަން ޖެހޭތޯ މިހާރު ޑޮކްޓަރުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އައިލެންޑް ސަފާރީ އުޅަނދު ކަރަންޓީނުގެ ހާލަތަށް ގެނެސް އޭގައި ތިބި މުވައްޒަފުންނާއެކު ސަފާރީ މާލެ އަންނާނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެ ސަފާރީގައި ތިބީ ޖުމްލަ 16 ފަތަުރުވެރިންނާއި 16 މުވައްޒަފުން ކަމަށެވެ. ޕޮޒިޓިވްވެފައިވާ 2 ފަތުރުވެރިން ލ. އަތަޮޅަށް ބާލާފައި ސާފާރީ މާލެ އަންނަ ކަމަށްވާ ނަަމަ މާލެއަށް އަންނާނީ 14 ފަތުރުވެރިންނާއި 16 މުވަޒަފުންނެވެ.
ކޮވިޑް-19 އާ ގުޅީގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިތީތަކެއް ވަނީ ގާއިމް ކޮސްފައެވެ. އަތޮޅުތެރޭގައި ކޮވިޑް-19 އާ ގުޅިގެން ޖުމްލަ 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ގާއިމްކޮށްފައިވާ އިރު، ލ. އަތޮޅުގައި 28 ކަރަންޓީން ފެސިލިޓީއަކާއި 22 އައިސޮލޭޝަން ފެސިލިޓީއެއް ވަނީ ގާއިމްކޮށްފައެވެ.
މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ.