ސްޕޭނުން ރާއްޖެ އައި ދިވެހި މީހާއާ ކޮންޓެކްޓްވެފައި ވަނީ 12 މީހުން ކަމަށް މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ގަތަރު އެއާލައިންސްގެ ކިއުއާރް-674 ފްލައިޓުން އައި ދިވެހި މީހާ އައީ ސްޕެއިންގައި ޓްރާންސިޓް ވެފައި ކަމަށެވެ. އަދި އޭނާ މިހާރު ވަނީ އައިސޮލޭޝަންގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދިވެހި މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމަށް ފަހު 12 މީހަކު އެކަހެރިކޮށް ތިބުމަށް އަންގާފައިވާ ކަމަށާއި ބޯޓުގައި ދެން ތިބި އެހެން މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެ ބޯއްޓު މިއަދު ހަވީރު 3:15 ހާއިރު ޖެއްސުމާއެކު، ވެލާނާ އެއާޕޯޓްގައި މޮނީޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ. އެއަށްފަހު ސްޕޭނުން އައި ދިވެހި މީހާ ފަރުކޮޅުފުއްޓަށް ގެންގޮސް ވަނީ ޓެސްޓްތައް ހަދާފައެވެ.

ރާއްޖޭގެ ޖުމްލަ 13 ޕޮޒިޓިވް ކޭސް:

  • ކުރެއްދޫ އައިލެންޑް ރިސޯޓް: 5
  • ކުރަމަތި އައިލެންޑް ރިސޯޓް: 2
  • ސޭންޑީސް ބަތަލާ ރިސޯޓް: 2
  • އަނަންތަރާ ދިގުރަށް: 2
  • އައިލެންޑް ސަފާރީ: 2

މި ބައްޔަށް ޕޮސިޓިވް ވެފައިވާ މީހުން އިތުރަވަމުން ދާ އިރު މި ބަލިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ނުވަތަ މި ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް އެކަހެރި ކުރުމަށް ހަދަމުންދާ މަރުކަޒުތައް ވަނީ އިތުރު ކޮށްފައެވެ. އަދި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާން ކޮށްފައެވެ.

އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފައެވެ. އޭގެ ތެރޭގައި އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށް، ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި، ޔޫރަޕްގެ ސްޕޭން، ޖަރުމަން އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން ވެސް ވަނީ މަނާކޮށްފައެވެ.