އަނަންތަރާ ދިގުރަށުން ޕޮސިޓިވް ވި ގެސްޓާ ޑައިރެކްޓް ކޮންޓެކްޓް ވި ދިވެހި މީހާ އޭރު ހުރީ ހުޅުމާލޭގައި ކަމަށް މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، އަނަންތަރާ ދިގުރަށުން މިހާތަނަށް 2 މީހަކު ޕޮޒިޓިވް ވެފައިވާ އިރު މިރޭ ޝައްކު ކުރެވިގެން އަނަންތަރާއިން ދިވެއްސަކު ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާ ކަަމަށް އެޗްޕީއޭއިން ޓްވީޓް ކޮށްފައި ވާނެ ކަމަށެވެ.

ސާމްޕަލް ނަގާ މޮނިޓާ ކުރުމަށް އޭނާ ފަރުކޮޅުފުއްޓަށް ގެންގޮސްފައި ވާކަމަށާއި އޭނާ ކުރިން ހުރީ ހުޅުމާލެގައި ކަަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޭނާއަކީ ކުރިން އަނަންތަރާއިން ޕޮސިޓިވް ވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވި ފަރާތެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިހާރު ދިވެއްސެއް އަލާމާތްތައް ހުރިކަން އެނގިގެން ފަރުކޮޅުފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރާ ވާހަކަ އަޅުގަނޑުމެން އޮންނާނީ ޓްވީޓް ކޮށްފައި. އެ ފަރާތަކީ ހުޅުމާލޭގައި ހުރި ފަރާތެއް."
މުހައްމަދު މަބްރޫކް އަޒީޒް

އޭނާ ހުޅުމާލޭގައި ހުރީ ކިހާ މުއްދަތެއްގައި ކަން މަބްރޫކް ހާމައެއް ނުކުރައްވައެވެ. އަދި މި ކޭސްއާ ގުޅިގެން މޮނިޓާކޮށް ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ފޯ ސީޒަން މޯލްޑިވްސް އިން ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާފައެވެ. އަދި އާވީ ނޭޗާސް ޕެރެޑައިސް މޯލްޑިސް ރިސޯޓުންވެސް ވަނީ ބިދޭސީއަކު މިބައްޔަށް ޝައްކު ކުރެވިގެން ސާމްޕަލް ނަގާފައެވެ.

ޖުމްލަ 13 މީހުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާއިރު އަނަންތަރާ ދިގުރަށުން ވަނީ 2 ފަތުރުވެރިން ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

އަނަންތަރާއިން ދިވެއްސެއްގެ ސާމަޕަލް ނަގާފައި ވާއިރު މިއަދު ސްޕޭން އިން ރާއްޖެއަށް އައި ދިވެއްސެއްވެސް ވަނީ ބައްޔަށް ޝައްކު ކުރެވޭތީ އެކަހެރި ކުރުމަށް ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ. އަދި ސްޕޭނުން އައި ދިވެހި މީހާއާ ކޮންޓެކްޓް ޓްރޭސިންގް ވި 12 މީހުން މިހާރު ވަނީ ހޯމް އައިސޮލޭޝަންގައެވެ.