އަނަންތަރާ ދިގުރަށުން ދިވެއްސެއްގެ ގައިން ކޮވިޑް-19ގެ އަލާމަތް ފެނި އޭނާ ގެ ސާމްޕަލް ނަގާ ޓެސްޓު ކުރާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، އަނަންތަރާއިން ކޮވި-19 ގެ އަލާމާތް ފެނިގެން ޓެސްޓު ކުރަމުން ދަނީ ކުރިން އެ ރިސޯޓުން މިބައްޔަށް ޕޮޒިޓިވްވި މީހާކަށް ޑައިރެކްޓް ކޮންޓެކްޓް ވީ ފަރާތެއް ކަމަށެވެ. އަދި އޭނާ މިހާރު ވަނީ ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަނަށް ގެންގޮސްފައި ކަމަށްވެސް އެފަރާތުން ބުނެއެވެ. މިހާރު އަނަންތަރާ ދިގުރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.
މީގެ އިތުރުން މިއަދު ފޯ ސީޒަން މޯލްޑިވްސް އިން ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާފައެވެ. އަދި އާވީ ނޭޗާސް ޕެރެޑައިސް މޯލްޑިސް ރިސޯޓުންވެސް ވަނީ ބިދޭސީއަކު މިބައްޔަށް ޝައްކު ކުރެވިގެން ސާމްޕަލް ނަގާފައެވެ.
މީގެ ކުރިން އަނަންތަރާ ދިގުރަށަށް ޗުއްޓީ ހޭދަކުރަން އައި ދެމަފިރިންގެ ގައިން ވަނީ މި ބަލީގެ އަލާމަތްފެނި މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ޖުމްލަ 13 މީހުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު އަނަންތަރާ ދިގުރަށުން ވަނީ 2 ފަތުރުވެރިން ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
މީގެ އިތުރުން މިއަދު ދޯހާއިން ރާއްޖެއަށް އައި ފްލައިޓަކުން މީހަކު ވަނީ ކޮވިޑް-19 ގެ އަލާމަތް ފެނި ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ. ހަމައެއާއެކު ސްޕެއިން އިން ރާއްޖެއަށް އައި ދިވެއްސެއްވެސް ވަނީ ބައްޔަށް ޗާއްކު ކުރެވޭތީ އެކަހެރި ކުރުމަށް ފަރުކޮޅުފުއްޓަށް ގެންގޮސް ފައެވެ.
ރާއްޖޭގެ ޖުމްލަ 13 ޕޮޒިޓިވް ކޭސް:
- ކުރެއްދޫ އައިލެންޑް ރިސޯޓް: 5
- ކުރަމަތި އަިލެންޑް ރިސޯޓް: 2
- ސޭންޑީސް ބަތަލާ ރިސޯޓް: 2
- އަނަންތަރާ ދިގުރަށް: 2
- އައިލެންޑް ސަފާރީ: 2
ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 3 ޕޮޒިޓިވް ކޭސް ވަނީ އައިސްފައެވެ. އެއީ އަނަންތަރާއިން އެއް ބިދޭސީއަކާއި އައިލެންޑް ސަފާރީގައި ތިބި ދެ ބިދޭސީންނެވެ. މި ބައްޔަށް ޗައްކު ކުރެވިގެން ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ ވަނީ ރާއްހެއިން ބޭރުން އައި ދެމީހުންނާއި އެކު ރިސޯޓުތަކުން 4 މީހެއްގެ ސާމްޕަލް ނަގާފައެވެ. ޖުމްލަ 6 މީހެއްގެ ގައިން މިއަދު ވަނީ ސާމްޕަލް ނަގާފައެވެ.
މި ބައްޔަށް ޕޮސިޓިވް ވެފައިވާ މީހުން އިތުރަވަމުން ދާ އިރު މި ބަލިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން އަނަންނީ އެކި ފިޔަވަޅުތައް އަޅާމުންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ނުވަތަ މި ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް އެކަހެރިކުރުމަށް ހަދަމުންދާ މަރުކަޒުތައް ވަނީ އިތުރުކޮށްފައެވެ. މިހާރު ބޭނުން ކުރަމުންދާ މަރުކަޒުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ޖުމްލަ 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ވަނީ ހަމަޖައްސާފައެވެ.