ފޯ ސީޒަންސް މޯލްޑިވްސް ކޮވިޑް-19 ގެ އަލާމާތް ހުރި ދެ ބިދެސީން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފޯ ސީޒަން މޯލްޑިވްސް އިން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި ނަތީޖާ ލިބެންދެން އެ މީހުން ވަނީ ހޯމް އައިސޮލޭޝަންގައި އެ ރިސޯޓުގައި ބައިތިއްބާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 3 ޕޮޒިޓިވް ކޭސް ވަނީ އައިސްފައެވެ. އެއީ އަނަންތަރާއިން އެއް ބިދޭސީއަކާއި އައިލެންޑް ސަފާރީގައި ތިބި ދެ ބިދޭސީންނެވެ. މި ބައްޔަށް ޝައްކު ކުރެވިގެން ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ ވަނީ ރާއްގެއިން ބޭރުން އައި ދެމީހުންނާއި އެކު ރިސޯޓުތަކުން 4 މީހެއްގެ ސާމްޕަލް ނަގާފައެވެ. ޖުމްލަ 6 މީހެއްގެ ގައިން މިއަދު ވަނީ ސާމްޕަލް ނަގާފައެވެ.

ފޯސީޒަންސް އިން ދެ ބިދޭސީންގެ ސާމްޕަލް ނަގާފައި ވާއިރު މިއަދު އަނަންތަރާ ދިގުރަށުން ދިވެއްސަކާއި އާވީ ނޭޗާސް ޕެރެޑައިސް މޯލްޑިސް ރިސޯޓުން ބިދޭސީއެއްގެ ގައިން ވަނީ ސާމްޕަލް ނަގާފައެވެ. މީގެ އިތުރުން މިއަދު ދޯހާއިން ރާއްޖެއަށް އައި ފްލައިޓަކުން މީހަކު ވަނީ ކޮވިޑް-19 ގެ އަލާމަތް ފެނި ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ. ހަމައެއާއެކު ސްޕެއިން އިން ރާއްޖެއަށް އައި ދިވެއްސެއްވެސް ވަނީ ބައްޔަށް ޝައްކު ކުރެވޭތީ އެކަހެރި ކުރުމަށް ފަރުކޮޅުފުއްޓަށް ގެންގޮސް ފައެވެ.

ރާއްޖޭގެ ޖުމްލަ 13 ޕޮޒިޓިވް ކޭސް:

  • ކުރެއްދޫ އައިލެންޑް ރިސޯޓް: 5
  • ކުރަމަތި އަިލެންޑް ރިސޯޓް: 2
  • ސޭންޑީސް ބަތަލާ ރިސޯޓް: 2
  • އަނަންތަރާ ދިގުރަށް: 2
  • އައިލެންޑް ސަފާރީ: 2

މި ބައްޔަށް ޕޮސިޓިވް ވެފައިވާ މީހުން އިތުރަވަމުން ދާ އިރު މި ބަލިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅާމުންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ނުވަތަ މި ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް އެކަހެރިކުރުމަށް ހަދަމުންދާ މަރުކަޒުތައް ވަނީ އިތުރުކޮށްފައެވެ. މިހާރު ބޭނުން ކުރަމުންދާ މަރުކަޒުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ޖުމްލަ 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ވަނީ ހަމަޖައްސާފައެވެ.