ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އިސްރަށްވެހިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

އިސްރަށްވެހިންގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ރޯގާ މިވަނީ، ރާއްޖެއަށްވެސް ފޯރާފައި ކަަމަށެވެ. އަދި މި ރޯގާގެ އެންމެ ބޮޑަށް އެންމެ އަވަހަށް ކުރަނީ ދުވަސްވީ މީހުންނަށްކަން މި ނުރައްކާތެރި ރޯގާގެ އަސަރުކޮށްފައިވާ ގައުމުތަކުގެ ތަޖުރިބާއާ އަދި ސިއްހީ ހޯދުންތަކުގެ އަލީގައި ސާބިތު ހެކިތަކާއެކު ފެންނަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އިސްރަށްވެހިންގެ ޖަމިއްޔާއިން ވަނީ، އެ ޖަމިއްޔާގެ ފަރާތުން ޖަމިއްޔާގެ ހުރިހާ މެންބަރުންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އަދި އާންމުކޮށް ރާއްޖޭގެ ހުރިހާ އިސްރަށްވެހިންނަށް، މި ނުރައްކާތެރި ވަބާއިން ސަލާމަތްވުމަށް އެ ފަރާތަކުން ކުރަން ޖެހޭ ކަމެއް ކުރުމަށް ފަަސްނުޖެހުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ދިވެހި ސަރުކާރުގެ ސިއްހީ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކާއި ޑޮކްޓަރުންގެ ލަފާ އަޑުއަހާ، އެކަންތައް ކުރުމަށް ހާއްސަ ސަމާލި ކަމެއް ދިނުމަށް ވެސް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ، ކޮވިޑް-19 އަކީ ވައިގެ ތެރެއިން ފެތުރޭ ވައިރަހެއް ނޫން ކަމަށެވެ. އަދި އެންމެ ބޮޑު ސަމާލުކަމެއް ދިނުމަށް ސިއްހީ އިދާރާތަކުން ނަސޭހަތް ދެނީ، މީހުން ގިނަތަންތަނަށް ނުދިއުމަށާއި ހަށިގަނޑުގެ ސާފުތާހިރު ކަމަށާއި، ހާއްސަ ގޮތެއްގައި އަތްދޮވެ ސާފުކޮށް ބެހެއްޓުމަށެވެ. އިސްރަށްވެހިންގެ ޖަމިއްޔާއިން ވަނީ، އާއިލާގެ ހުރިހާ މެންބަރުންގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން، މިކަމުގައި ދީގެން އާއިލާތަކުގައި ތިބި ދޮށީ އުމުރުގެ ހުރިހާ ފަރާތްތަކުން މި ވަބާއިން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް، އާއިލާތަކުގެ އެންމެ މުހިންމު ކަމެއް ކަމުގައި ހެދުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ކުރެއްދޫން މި ބައްޔަށް ޕޮޒިޓިވްވި 5 މީހުން ނޫން އެހެން މީހުންނަކީ، ޑައިރެކްޓްކޮސް ރާއްޖެއިން ބޭރުން އައި މީހުންނެވެ.