ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި 13 ބިދޭސީންގެ ތެރެއިން 8 މީހުންނަކީ ރާއްޖެއަށް އައިރިވެސް މިބަލީގެ ވައިރަސް ގައިގާ ހުރި މީހުން ކަމަށް ރާއްޖޭގައި ކޮވިޑް-19ގެ މައުލޫމާތު ހިއްސާކުރާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން މަބްރޫކް ވިދާޅުވީ، ކުރެއްދޫ އައިލެންޑް ރިސޯޓުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ 5 ފަރާތަކީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ދިޔަ އިޓަލީ ފަތުރުވެރިޔާގެ ގައިން މި ވައިރަސް ޖެހިފައިވާ މީހުން ކަމަށެވެ. އެ ރިސޯޓުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 5 ފަރާތަކީ ބިދޭސީންނެވެ.

އެހެންކަމުން މި ބައްޔަށް ޕޮޒިޓީވްވި 8 ގެސްޓުންނަކީ ރާއްޖެއަށް އައި އިރުވެސް މި ބަލީގެ ވައިރަސް ހުރި ގެސްޓުން ކަމަށް އޭނާ ވިދާޅުވިއެވެ. ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދެނެގަތުމަށް މަސައްކަތް ކުރެވެމުންދާ އިރު މިއަދުގެ މެންދުރުގެ 1:00 އާ ހަމައަށް ޖުމްލަ 292 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިންގް ހެދިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދިވެސް އިތުރު ކޮންޓެކްޓް ތްރޭސިންގްގެ މަސައްކަތް ކުރެވެމުންދާތީ މިއަދަދު އިތުރުވާނެކަން ވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

މިހާތަނަށް ރާއްޖޭގައި މިބައްޔަށް 13 މީހަކު ވަނީ ޕޮސިޓީވްވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޖުމްލަ ތިން ކޭސްއެއް ވަނީ ފެނިފައެވެ. އެއީ އަނަންތަރާ ދިގުރަށުގެ އެއް ކޭސްއާއި އައިލެނޑް ސަފާރީން ދެ ކޭސްއެކެވެ.

13 ޕޮސިޓިވް ކޭސް:

  • ކުރެއްދޫ އައިލެންޑް ރިސޯޓް: 5
  • ކުރަމަތި އަިލެންޑް ރިސޯޓް: 2
  • ސޭންޑީސް ބަތަލާ ރިސޯޓް: 2
  • އަނަންތަރާ ދިގުރަށް: 2
  • އައިލެންޑް ސަފާރީ: 2

މި ބައްޔަށް ޕޮސިޓިވް ވެފައިވާ މީހުން އިތުރަވަމުން ދާ އިރު މި ބަލިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން އަނަންނީ އެކި ފިޔަވަޅުތައް އަޅާމުންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ނުވަތަ މި ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް އެކަހެރިކުރުމަށް ހަދަމުންދާ މަރުކަޒުތައް ވަނީ އިތުރުކޮށްފައެވެ. މިހާރު ބޭނުން ކުރަމުންދާ މަރުކަޒުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ޖުމްލަ 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ވަނީ ހަމަޖައްސާފައެވެ.

ދުނިޔޭގެ ހާލަތަށް ބަލާއިރު ކޮވިޑް-19 އަށް ޖުމްލަ 156،910 މީހުން ވަނީ ޕޮޒިޓީވް ވެފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 5،839 އަށް އަރާފައެވެ. މިހާތަނަށް މި ބަލި ޖެހި ރަނގަޅުވެފައި މީހުންގެ އަދަދު އުޅެނީ 75،937 ގައެވެ.