ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި 13 ބިދޭސީން ޕޮޒިޓިވް ވެފައިވާ އިރު، މިހާތަނަށް 292 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިން ހަދައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ކޮވިޑް-19 އަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދުގެ މެންދުރު 1:00 އާ ހަމަައަށް ޖުމްލަ 292 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިންގް ހެދިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މިހާރުވެސް ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށާއި، އެހެންކަމުން މިހާރު ކޮންޓެކްޓް ޓްރޭސިން ހެދިފައިވާ އަދަދަށް ބަދަލު އަންނަމުން ދާނެ ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި މިބައްޔަށް 13 މީހަކު ވަނީ ޕޮސިޓީވްވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޖުމްލަ ތިން ކޭސްއެއް ވަނީ ފެނިފައެވެ. އެއީ އަނަންތަރާ ދިގުރަށުގެ އެއް ކޭސްއާއި އައިލެނޑް ސަފާރީން ދެ ކޭސްއެކެވެ.
ޕޮސިޓިވް ކޭސްތައް:
- ކުރެއްދޫ އައިލެންޑް ރިސޯޓް: 5
- ކުރަމަތި އަިލެންޑް ރިސޯޓް: 2
- ސޭންޑީސް ބަތަލާ ރިސޯޓް: 2
- އަނަންތަރާ ދިގުރަށް: 2
- އައިލެންޑް ސަފާރީ: 2
މި ބައްޔަށް ޕޮސިޓިވް ވެފައިވާ މީހުން އިތުރަވަމުން ދާ އިރު މި ބަލިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން އަނަންނީ އެކި ފިޔަވަޅުތައް އަޅާމުންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ނުވަތަ މި ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް އެކަހެރިކުރުމަށް ހަދަމުންދާ މަރުކަޒުތައް ވަނީ އިތުރުކޮށްފައެވެ. މިހާރު ބޭނުން ކުރަމުންދާ މަރުކަޒުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ޖުމްލަ 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ވަނީ ހަމަޖައްސާފައެވެ.