ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުގެ ސަބަބުން ޑޮލަރު ވިއްކާ ރޭޓު ބޮޑުވެއްޖެއެވެ.
ކަޅު ބާޒާރުގައި މިހާރު ޑޮލަރު ވިއްކަނީ 16.35 ރުފިޔާ އާއި 16.20 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ޑޮލަރު ގަންނަން ލިބެން ހުރި އަގަކީ 16.10 އާއި 16 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ޑޮލަރުގެ އަގު އުފުލިފައި ވާއިރު، މީގެ ހަފްތާއެއް ކުރިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 15.50 އާއި 15.70 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަޅު ބާޒާރުގައި 15.50 ޑޮލަރު ލިބެން ހުއްޓެވެ.
ހުއްދަ އޮވެގެން ޑޮލަރު ވިއްކާ ބައެއް ތަންތަނުން ވެސް ޑޮލަރު ވިއްކާ ރޭޓްތަކަށް ބަދަލު ގެނެސްފައި ވާއިރު، ޑޮލަރު ނުލިބޭތީ ބައެއް ތަންތަނުން ޑޮލަރު ވިއްކުން ވަނީ ހުއްޓާވެސް ލައިފައެވެ.
ވިޔަފާރިވެރިން ބުނާގޮތުގައި ޑޮލަރު މާކެޓުގައި އަގު އެހާ ބޮޑަށް އުފުލިފައި ވަނީ އިޓަލީން އަންނަ ޓޫރިސްޓުން މަދުވެ، ޑޮލަރު މާރުކުރުން މަދުވުމުގެ ސަބަބުން ކަމަށާއި ޑޮލަރު ލިބޭ އަދަދު ވަަރަށް ބޮޑަށް މަދުވެފައި ވުމާއި ކޮރޯނާވައިރަސްގެ ސަބަބުންނެވެ.
ރާއްޖޭގައި ޑޮލަރު ރޭޓަކީ 15.42 ރުފިޔާއަށް ވާއިރު އަބަދުވެސް ކަޅު ބާޒާރުގައި ޑޮލަރު އުޅެނީ އެ ރޭޓަށް ވުރެ މަތީގައެވެ. އަތް ނުފޯރާ ފަށަށް އިންފްލޭޝަން އަރައިގެން ދިޔުމާ ދިވެހި ފައިސާގެ އަގު ވެއްޓުމަކީ ރާއްޖޭގެ އިގްތިސޯދަށް ދިމާވާނެ އާދައިގެ ގޮންޖެހުމެއް ނޫނެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އަންނަ މީހުން ވަރަށް ބޮޑަށް މަދުވެ، ޓޫރިޒަމް ދާއިރާއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. އެ ދާއިރާ އަށް ކުރާނެ އަސަރު މި ވަގުތަށް އަންދާޒާ ކުރަން ވެސް ނޭނގޭ ކަމަށް ރިސޯޓުތަކުގެ އިސްވެރިންވެސް އަންނަނީ ބުނަމުންނެވެ.
ރާއްޖެއިން މިހާރު ވަގުތީ ގޮތުން ދަތުރު ފަތުރު ކުރުން މަޑުޖައްސާލާފައި އޮތް ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝާއި ޗައިނާއާއި އީރާނާއި ސައުތް ކޮރެއާގެ ދެ ޕްރޮންވިސާއި އިޓަލީ އާއި ސްޕެއިނާއި ޖަރުމަންގެ ތިން ސިޓީ އެއްގެ އިތުރުން ފްރާންސްގެ ދެ ސީޓީއެއް ހިމެނޭ ކަމަަށެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.