އަނަންތަރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންނަކީ ދެމަފިރިން ކަމަށާއި، އެ ދެމީހުން ރާއްޖެ އައި އިރިވެސް ކޮވިޑް19 ގެ އަލާމާތްތައް ހުރި ކަމަށް، ކޮވިޑް19ގެ މައުލޫމަތު ދިނުމަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްްކަވަމުން މަބްރޫކް ވިދާޅުވީ، އަނަންތަރާ އިން ފުރަތަމަ މީހާ ޕޮޒިޓިވް ވުމާ ގުޅިގެން ބައެއް ފަރާތްތަށް އެކަހެރިކުރެވި، ހައި ރިސްކް ކޮންޓެކްޓެއް ކަމަށް ބަލެވޭ އިތުރު މީހަކު ފަރުކޮޅު ފުއްޓަށް ގެނެވުނު ކަމަށެވެ. އަދި އެ ރިސޯޓުން ކޮވިޑް19 އަށް ދެވަނަ އަށް ޕޮޒިޓިވް ވެފައިވަ ފަރާތަކީ ފަރުކޮޅު ފުށީގައި އެކަހެރި ކުރި ފަރާތްކަމާއި، މި ދެ މީހުންނަކީ ވެސް ދެމަފިރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އަނަންތަރާ ދިގު ރިސޯޓުން އިން ފުރަތަމަ މީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ބައެއް ފަރާތްތައް ވަނީ އެކަހެރިކުރެވިފަ. އޭގެތެރެއިން ހައި ރިސްކް ކޮންޓެކްޓެއް ކަމަށް ބަލެވޭ އެކަކުވަނީ ފަރުކޮޅު ފުއްޓަށް ގެންގޮސްފަ. ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ފަރުކޮޅު ފުށީގައި އެކަހެރިކޮށްފައިވާ މީހާ. އެ ރިސޯޓުން ޕޮޒިޓިވް ވެފައިވަނީ ދެމަފިރިން" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި 13 ބިދޭސީން ޕޮޒިޓިވް ވެފައިވާ އިރު، މިހާތަނަށް 292 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިންވަނީ ހަދާފައެވެ. މަބްރޫކް ވިދާޅުވީ، މިހާރުވެސް ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށާއި، އެހެންކަމުން މިހާރު ކޮންޓެކްޓް ޓްރޭސިންއަށް ދެވިފައިވާ އަދަދަށް ބަދަލު އަންނަމުން ދާނެ ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި މިބައްޔަށް 13 މީހަކު ވަނީ ޕޮސިޓިވް ވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޖުމްލަ ތިން ކޭސްއެއް ވަނީ އައިސްފައެވެ. އެއީ އަނަންތަރާ ދިގުރަށުގެ އެއް ކޭސްއާއި އައިލެނޑް ސަފާރީން ދެ ކޭސްއެކެވެ. އޭގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓުން 5 ބިދޭސީއަކު ޕޮޒިޓިވް ވެފައިވާއިރު، ކުރަމަތި އައިލެންޑް ރިސޯޓުން 2 ބިދޭސީއަކު އަދި ސޭންޑީސް ބަތަލާ ރިސޯޓުންވަނީ 2 ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ.
މި ބައްޔަށް ޕޮސީޓިވް ވެފައިވާ މީހުން އިތުރުވަމުން އަންނަ އިރު މި ބަލިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން އަނަންނީ އެކި ފިޔަވަޅުތައް އަޅާމުންނެވެ. އެގޮތުން މި ބަލި ޖެހިފައިވާ މީހުން ނުވަތަ މި ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް އެކަހެރި ކުރުމަށް ހަދަމުންދާ މަރުކަޒުތައް ވަނީ އިތުރުކޮށްފައެވެ. މިހާރު ބޭނުން ކުރަމުންދާ މަރުކަޒުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ޖުމްލަ 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ވަނީ ހަމަޖައްސާފައެވެ.