ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކުރަން ހައިކޯޓަށް މައްސަލަ ހުށައަޅަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މި ވަގުތު ހާލަތަށް ބަލާ އިންތިހާބުގެ ވޯޓުލުން ކުރިން ކަނޑައަޅާފައިވާ ތާރީހުގައި ކުރިއަށް ގެންދިއުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މުއްދަތެއް ނެތް ގޮތަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ފަސްކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޝަރީފަ ވިދާޅުވިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހައިކޯޓަށް އެ މައްސަލަ ވައްދާފައިވާއިރު، ޝަރީފް ވިދާޅުވީ އިންތިހާބުގެ ވޯޓުލުން އެކަނި ފަސްކުރަން ހުށައެޅީ، މިހާރު ކޮށްފައިވާ ހަރަދުތައް އަލުން ބަލުން ނުކުރަން ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖޭގައިވެސް ފެތުރެން ފަށުމާއިގުޅިގެން އަންނަ މަހުގެ ހަތަރު ދުވަހު ބޭއްވުމަށް ހަމަޖެއްސި ކައުންސިލް އިންތިހާބު މިހާރު ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މި ތާރީހު ދެން އިތުރަށް ފަސްކުރެވޭނީ ކޯޓު އަމުރަކުން ނުވަތަ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 11 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.