މި ދުވަސްވަރަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސިއްހީ ބިރުވެރިކަމުގެ ތެރޭގައި މުޅި ދުނިޔެ ގެނބެމުންދާ ދުވަސްވަރެކެވެ. ކޮވިޑް-19އަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު، މި ބަލިން ޖެހުމާ ދުރުވުމަށް އެޅެން އޮތް އެންމެ ފުރަތަމަ އެއް ފިޔަވަޅަކީ ރަނގަޅަށް އޮތް ދޮވުންކަން މިއަދު އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެވެ. ހަމަ މިފަދައިން ފާހަގަކުރަންޖެހޭ އަނެއް ކަމަކީ، ރަނގަޅު ކާނާ ކެއުމަކީވެސް ތަފާތު އެކި ކަހަލަ ބަލިތަކާ، ވައިރަހާ ބެކްޓީރިއާތަކުން ސަލާމަތްވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކޮންމެހެން ބޭނުން ކަމެއް ކަމެވެ.

ޕްރޮޓީންސްއާއި އެންޓޮއޮކްސިޑަންޓްސް

ބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރު ކެއިންބުއިމުގައި ހިމެނުމަށް އެންމެ ފައިދާ ބޮޑު އެއް މާއްދާއަކީ ޕްރޮޓީންސް ލިއްބައިދޭ ކާނާގެ ބާވަތްތައް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ޕްރޮޓީންސް ލިއްބައިދޭ ބައެއް ބާވަތްތަކުގެ ތެރޭގައި އެކި ކަހަލަ މުގު، ކާޑް، ބަދަން އަދި އެކި ބާވަތުގެ އޮށް ހިމެނެއެވެ.

ހަވާދުގެ ބާވަތްތަކުން ބެކްޓީރިއާ ދުރުކޮށްދޭ

ގަވައިދުން ކައްކާ، ކައި އުޅޭ ގެއެއްގަ ވިއްޔާ ހަވާދަށް ހާއްސަ ކަބަޑެއް ނުވަތަ ރެކެއް ހުންނާނެއެވެ. އެންމެ އަދައިގެ ކެއްކުންތައް ކައްކާ މީހަކުވެސް ކޮންމެވެސް ބާވަތްތަކެއް ބޭނުންކޮށްގެން ހަވާދެއް ތައްޔާރުކުރާނެއެވެ. ހަވާދު ތައްޔާރު ކުރުމުގައި ބޭނުންކުރާ އެންމެ އަސާސީ ބައެއް ބާވަތްތަކަކީވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަށް އެހީވެދޭ ބާވަތްތަކެކެވެ.

ރޯ ރީނދުލާ މުގުރާފައިވާ ރީނދޫ/ފޮޓޯ: ލައިފްސްޓައިލް މެގަޒިން

މި ބަލާލަނީ އިންޑިއާގެ ކުލިނިކަލް ޑައިޓީޝަނެއް ކަމަށްވާ ޒައިނަބު ގުލާމްހުސައިން މިކަމާ ބެހޭ ގޮތުން ދީފައިވާ ބައެއް އިރުޝާދުތަކަށެވެ.

އިނގުރު: ކިރު ސައިތައްޓަކަށް އިނގުރު އަޅައިގެން ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. މީގެ އިތުރުން ތާފަނާ ފެންފޮދަކަށް އިނގުރުކޮޅަކާ، މާމުއިކޮޅެއް އަޅައިގެންވެސް ބޭނުން ކުރެވިދާނެއެވެ. އިނގުރަކީ ވަރުގަދަ އެންޓިއޮކްސިޑަންޓްއެކެވެ. މިއީ ބަނޑުގައި ވައި ހެދި ބަނޑު ފުއްޕުމާ، ގޭސްވެގެން އަރާ ތަދުތަކާވެސް ދުރުކޮށްދޭ ބާވަތަކެވެ.

ކަރަންފޫ: މިއީ އިންޑިއާގެ ގަދީމީ ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކޮށް އުޅޭ ބާވަތެކެވެ. ކަރަންފުލަކީ މޭ ނުބައި ކުރުމާ އެކި ޒާތުގެ ފްލޫތަކާ ތަކަށް ފަރުވާ ތައްޔާރުކުރުމުގައި ބޭނުންކުރާ ބާވަތެކެވެ. ކަރަންފޫ ތެލަކީ ހިރުގަނޑުގެ މައްސަލަތަކަށްވެސް ހައްލެކެވެ. ކެއިންބުއިމުގެ އާދަކާދައިގެ ތެރޭގައި ކަރަންފޫ ހިމެނިދާނެ ގޮތްތަކަށް ބަލާއިރު، ބަޖިޔާ ނުވަތަ އެކި ކަހަލަ ބަތްގަނޑުތައް ތައްޔާރުކުރާއިރު ކަރަންފޫ ބޭނުން ކުރެވިދާނެއެވެ.

ރީނދޫ: މިއީ ހާވަދުގެ ބާވަތްތަކުގެ ތެރެއިން ބޭސްވެރިކަމުގެ ނަޒަރަކުން ބަލާއިރު އެންމެ ބާރުގަދަ އިންގްރީޑިއަންޓްއެވެ. މިއީ ގޮހުރުގެ ބަލިތަކަށްވެސް ލުއި ލިއްބައިދޭ މާއްދާތައް އެކުލެވޭ ބާވަތެކެވެ. ނިދުމުގެ ކުރިން ކިރުތައްޓަކަށް ރީނދޫކޮޅެއް އަޅައިގެން ބޯލުމަކީ ސިއްހަތަށް ފައިދާތަކެއް ލިއްބައިދޭނެ ކަމެކެވެ. ގައިގެ ތަންތަން ހިރުވާނަމަ ތާފަނާ ފެންފޮދަކަށް ރީނދޫ އަޅައިގެން ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން އިނގުރާ ރީނދޫ ސައިގެ ގޮތުގައި ބޭނުންކުރުމަކީ އިހު ޒަމާނުއްސުރެ އެކި ކަހަލަ ރޯގާތަކަށް ލުއި ހޯދުމަށް ބޭނުންކުރި މޭސްތިރިއެކެވެ. ހަމަ މިފަދައިން، ރީނދޫ އަސާރައަކީވެސް ކެއުމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނިދާނެ އުފެއްދުމެކެވެ.

ފޮނިތޮށި: މިއީވެސް މެޔާ ބަނޑުން ދިލަނގުމާ، ގޭސްވުން ފަދަ ކަންކަމާ ދުރުކޮށްދޭ ބާވަތެކެވެ. ތާފަނާ ފެންފޮދަކަށް އަޅައިގެން ނުވަތަ ކޮފީ ނުވަތަ ފޮނިކާއެއްޗެއް ތައްޔާރުކުރާއިރުވެސް ފޮނިތޮށި ބޭނުންކުރެވިދާނެއެވެ. ހުޅުހުޅުގައި ރިއްސާ މީހެއް ނަމަ، ފޮނިތޮށި ތެޔޮ ބޭނުން ކުރުމުން ލުއި ލިއްބައިދެއެވެ. އަދި މިއީ އެތެރެހަށީގެ ހަރަކާތްތެރިކަންވެސް ރަނގަޅުކޮށްދޭ ބާވަތެކެވެ.

ލޮނުމެދު: ލޮނުމެދަކީ ތަފާތު އެކި ކަހަލަ ރޯގާތަކަށް ބަލާއިރު ދިވެހިންނަށްވެސް ފަރިތަ ބާވަތެކެވެ. މީގެ އިތުރުން ލޮނުމެދަކީ ލޭގެ ޕްރެޝަރާ ހިތުގެ ބަލީގެ ނުރައްކާތަކުން ސަލާމަތްކޮށްދިނުމަށް އެހީވެދޭ ބާވަތެކެވެ. ތަފާތު އެކި ކަހަލަ ޖޫސްތައް ތައްޔާރުކުރާއިރުވެސް ރޯ ލޮނުމެދު ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން އެކި ކަހަލަ ސޫޕްތަކުގެ ރަހަ ހެޔޮވަރުކޮށްލުމަށްވެސް ލޮނުމެދު ބޭނުން ކުރެއެވެ. ހަމަ މިއާއެކު ލޮނުމެދާ ލޮނު، އޮލިވްއޮއިލްގައި ޗިސްކޮށްގެން ސެލަޑްތަކުގެ ރަހަ ހެޔޮވަރުކޮށްލަންވެސް ބޭނުންކުރެވިދާނެއެވެ.

އޮމެގާ 3

ހަވާދުގެ ބާވަތްތަކުގެ އިތުރުން މިއީވެސް ހަށިގަނޑަށް ފައިދާތަކެއް ލިއްބައިދޭ މާއްދާއެކެވެ. މިމާއްދާ ލިއްބައިދޭ ބާވަތްތަކުގެ ތެރޭގައި ފްލެކްސް ސީޑްސް، ވޯލްނަޓްސް އަދި ތެޔޮކަން ގަދަ ކަނޑުމަސް ހިމެނެއެވެ.

ަސްވެރިން މަސް ބޭނުމުގައި / ފޮޓޯ: ޒުވާން މަސްވެރިޔާ

ދުޅަހެޔޮ ޖޫސް

ޖޫސް ބުއިމުގެ މާނައަކީ އެއްވެސް ހާލެއްގައި ތައްޔާރީ ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ޖޫސް ބޭނުންކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އަމިއްލައަށް ގޭގައި ޖޫސް ތައްޔާރުކުރުމަކީ ހައްޓަށް ލުއި އަދި ފައިދާ ބޮޑު ގޮތެކެވެ. ދިފާއި ނިޒާމުގެ ބާރުގަދަ ކުރުމަށް ބޭނުން ކުރެވިދާނެ ބައެއް ކަހަލަ ޖޫސްތަކުގެ ތެރޭގައި ކޭލް ޖޫސް، އަންނާރު ޖޫސް، ބީޓްރޫޓް ޖޫސް، އޮރެންޖު ޖޫސް އަދި ޓޮމާޓޯ ޖޫސް ފާހަގަކުރަންޖެހެއެވެ.

މިއީ އެއްވެސް ހާލެއްގައި ކޮވިޑް-19އަށް ދެވޭ ފަރުވާއެއްގެ ގޮތުގައި ހިމަނާފައިވާ ލިޔުމެއް ނޫނެވެ. މިއީ ތަފާތު އެކި ކަހަލަ ބަލިމަޑުކަމާ ރޯގާތައް ފެތުރެމުންދާއިރު، ދުޅަހެޔޮ ޑައެޓެއް އިހުތިޔާރު ކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ހިމަނާފައިވާ ލިއުމެކެވެ. ނުރައްކާތެރި އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކުވާނަމަ ވީ އެންމެ އަވަހަކަށް ސިއްހީ އެހީތެރިންގެ އިރުޝާދު ހޯދަން ވާނެއެވެ.