މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ދޫކުރާ ފެނުގެ ހިދުމަތަށް ކުރާ ބިލުން އެއް ޓަނުގެ ފެން ހިލޭ ލިބޭގޮތަށް އެކުންފުނިން ހަމަޖައްސައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ކޮންމެ ކަސްޓަމަރަކަށް އެއް ޓަނު ފެން ހިލޭ ދިނުމަށް ހަމަޖައްސައި ދިނުމުގެ މަގަސްދަކީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވުމާ އެކު، ރާއްޖޭގައި މިވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މީގެއިތުރުން، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުންކަމަށް، ކަމާބެހޭ ރަސްމީ ފަރާތްތަކުންނާއި ސިއްހީ މާހިރުން އިރުޝާދު ދީފައިވާތީ، މިކަމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމާއެކު، ގިނަ ގިނައިން އަތްދޮވުމަށް ބާރު އެޅުމުގެ ގޮތުން ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަތް ދޮވުމުގައާއި އަދި އެހެނިގެން ކަންކަމަށް ފެން ބޭނުން ކުރުމުގެގައި ޒިންމާދާރުކަމާއެކު ވީހާވެސް އިސްރާފު ކުޑަވާނެހެން ހުރިހާ ފަރާތްތަކުންވެސް އަމަލުތައް ބެހެއްޓުމަށް ވެސް އެމްޑަބްލިޔުއެސްސީން އެދިފައި ވެއެވެ.

އެމްޑަބްލިއުއެސްސީން ވަނީ ކޮވިޑް-19 އާ ގުޅިގެން ގޭގެއަށް ގެންދާ ފެންބިލުތައް ގްރައުންޑްފްލޯއާ ހަަމައަށް ގެންދާނެކަމަށްވެސް ބުނެފައެވެ. މިގެ އިތުރުން ބިލް ދެއްކުމަށާއި އަދި އެމްޑަބްލިއުއެސްސީގެ އެހެނިހެން ހިދުމަތްތައް ހޯދުމުގައިވެސް އޮންލައިން ހިދުމަތް ބޭނުން ކުރުމަށްވެސް އެ ކުންފިން ވަނީ ކަސްޓަމަރުންނަށް އަންގާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އަށް ރާއްޖެއިން ވަނީ 11 މީހަކު ޕޮޒިޓީވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީންނާއި، ސޭންޑީސް ބަތަލާއިން 2 ބިދޭސީންނާއި ކުރަމަތިން 2 ބިދޭސީން އަދި އަނަންތަރާ ދިގުރަށުން 2 ބިދޭސީއެކެވެ.

މިހާތަނަށް ރާއްޖެއިން ބިދޭސީންގެ ގައިން މި ބަލި ފެނިފައިވީ ނަމަވެސް މި ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ހަފްތާއަަކށް ސްކޫލްތައް ބަންދުކޮށްފައިވާއިރު ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ވަނީ ދެހަފްތާއަށް ބަންދުކޮށްފައެވެ. ގިނައިން މީހުން އެއްވެ އުޅުން މަދުކުރުމަށާއި ޕާކްތައް ފަދަ ހިތްފަސޭހަ މައިޒާންތަކަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.