ދިނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ލިބެމުންދާ ގެއްލުމުން އަރައި ގަންނަން އެހީވާން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިން ދެ މިލިއަން ޑޮލަރާ ހަމައަށް (ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ) ނެގޭ ލޯނު ފެސިލިޓީއެއް ތައާރަފު ކޮށްފިއެވެ.

ބީއެލްއެލުން ބުނީ "ޝޯޓް ޓާމް ފައިނޭންސިން" އަކީ ރިސޯޓްތަކާއި ގެސްޓްތަކަށް ދޫކުރާ ފެސިލީޓީ އެއް ކަމަށައި އެ ފެސިލީޓީ ދައްކަން ތިން އަހަރު ދުވަސް ލިބޭނެ ކަމަށެެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލިބޭނެ ގެއްލުން މުޅިން ވަޒަން ކޮށް ލެވޭނީ، މިކަން ދިގު ދެމިގެންދާ މުއްދަތުގެ މައްޗަށް ކަމަށާ މިހާރު ވެސް ގެއްލުން ވެފައިވާ ކަމަށެވެ.

ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ފަދަ ދަނޑިވަޅެއްގައި މި ވިޔަފާރި ތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު މިއަދު މި ތައާރަފްކުރެވޭ ޝޯޓް ޓާމް ފައިނޭންސިންއަކީ މި ދަނޑިވަޅުގައި ދިވާމެފައިވާ ދަތި ތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް އެކަށޭނެ ފައިނޭންސިން އެއް
ސޯޔާ

ގައުމީ ބޭންކް ބީއެމްއެލް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގުޅިގެން ތައާރަފު ކުރި މި ލޯން ފެސިލިޓީއަކީ މިހާރު ޓޫރިޒަމް ސެކްޓާއަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކުން އަރައި ގަތުމަށްޓަކައި ވޯކިން ކެޕިޓަލްގެ ގޮތުގައި ބޭނުން ކުރަން ދޫކުރާ އެއްޗެކެވެ.

ބީއެމްއެލުން ވަނީ މިދިޔަ ހަފްތާ ކުރީކޮޅު ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް އެހީތެރިކަން ފޯރުކޮށްދޭން ރަހުނަކާނުލައި ދޫކުރާ ވާކިން ކެޕިޓަލް ފައިނޭންސިންގެ ހިދުމަތް ވެސް ތައާރަފު ކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސެކްޓާއަށް ދަނީ ބޮޑެތި ގެއްލުން ތަކެއް ވަމުންނެވެ.