ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާގެ ގެ އަލާމާތްތައް ފެނުނު ތިން މީހެއްގެ ނަތީޖާ ލިބުނުއިރު އެމީހުން އެ ބައްޔަށް ނެގަޓިވްވެފައިވާތީ ތިން ރިސޯޓެއް އަލުން ހުޅުވާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނީ އަނަންތަރާ ދިގު ރިސޯޓާއި އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓާއި ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓްގައި ޝައްކުވި މީހުންގެ ނަތީޖާ ނެގަޓިވްވެފައިވާ ކަމަށެވެ. އެހެންވެ، އެ ތިން ރިސޯޓަށް ވެސް މީހުން އެރުމާއި ފޭބުން މަނާކޮށްފައި އޮތް އޮތުން އުވާލާފައިވާ ކަމަށެވެ.
އަނަންތާރާ ދިގު ރަށް ހުޅުވާލާފައިވީ ނަމަވެސް އެ ރިސޯޓުން މީގެކުރިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވާތީ އެމީހާ ކޮންޓެކްޓްވި މީހުން ވަނީ އެކަހެރިކޮށްފައެވެ.
އެ ތިން ރިސޯޓު ހުޅުވާފައިވާއިރު، ބ. ފެހެންދޫ އާއި ބަންޑޮސް އައިލެންޑް ރިސޯޓްގައި ޝައްކުވި މީހުންގެ ޓެސްޓްގެ ނަތީޖާ ވެސް ވަނީ ނެގަޓިވްވެފައިވާތީ، ފެހެންދޫ އާއި ބަންޑޮސް ރިސޯޓް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ގެސްޓުން ގެނައުމުގައި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭ އިރުއޮއްސި 6:00 ގެ ފަހުން ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ހުރި މުވައްޒަފެއް ނުވަތަ ފަތުރުވެރިއަކަށް އެހެން ރަށަކަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރަޖިސްޓާކޮށްފައިހުރި ގެސްޓް ހައުސް އަދި ހޮޓެލްތަަކށް މިރޭ 12:00 އިން ފެށީގެން ޗެކްއިންވުންވެސް ވަނީ މަނާކޮށްފައެވެ.