ކަނޑައެޅިގެން ފަރުވާއެއް އަދި ވެކްސިންއެއްވެސް މިހާތަނަށް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް(ކޮވިޑް-19)ގެ ޝިކާރައަކަށްވާ ޕޭޝަންޓުންނަށް، ޗައިނާގެ 'ގަދީމީ' ބޭސް ބޭނުންކުރަން މަޖުބޫރު ކުރުވާ މައްސަލަ ފެންމަތިވެ، އެކަންތައް ބޮޑުވެއްޖެއެވެ.
ޝިއޮންގް ޗިންޖެންގްއަކީ ކޮވިޑް-19ގެ ފެށުން ކަމަށްވާ ޗައިނާގެ ވޫހާން ސިޓީގައި ޑްރޯން އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، އޭނާ ވަނީ ވޫހާންގެ ވަގުތީ ހޮސްޕިޓަލެއްގައި 2 ހަފުތާއެއްހާ ދުވަސް ހޭދަކޮށްފައެވެ.
އުމުރުން 38 އަހަރުގެ މި ފިރިހެން މީހާއަށް ދުވާލު 2 އިރަށް ލިބެމުންދިޔައީ ކޮތަޅެއްގައި ބަންދުކޮށްފައިވާ މުށި ކުލައިގެ ސޫޕްތަކެކެވެ. މިއީ 20 ބާވަތެއްގެ ފަތްޕިލާވެލި އެއްކޮށްގެން ތައްޔާރުކޮށްފައިވާ ސޫޕަކަށްވާއިރު، މިއީ ޗައިނާގެ ގަދީމީ ބޭސްވެރިކަމުގައި ބޭނުންކުރާ ބުއިމެކެވެ.
ކޮވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ އެހެން މީހުންނާ ހިލާފަށް މި ސޫޕްގެ ކާމިޔާބު ކަމާ މެދު ޝިއޯންގް ދިޔައީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސުވާލު އުފައްދަމުންނެވެ. މި ސޫޕްއަކީ ކޮވިޑް-19އަށް އޮތް ފަރުވާއަކަށްވާނެ ގޮތަކާ މެދު އޭނާ ވިސްނަމުންދިޔައީ ފާޑުވެރި ނަޒަރަކުންނެވެ. ޝިއޯންގް ބުނާ ގޮތުގައި ފަރުވާއެއްގެ ގޮތުގައި ދެމުންދިޔަ އެ ސޫޕްއަކީ ހަގީގީ ފަރުވާއެއްގެ ބަދަލުގައި ދެމުންދިޔަ 'ފަރުވާ'އެކެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ހޯދިފައި ނުވާއިރު މި ބަލި ޖެހޭމީހުންނަށް ފަރުވާ ދެމުންދަނީ އެމީހުންގެ ހަށިގަނޑުން ފެންނަމުންދާ އަލާމާތްތަކަށެވެ. މި ބަލީގެ ޝިކާރައަކަށްވި ގިނަ ބަޔަކު ފަރުވާ ހޯދާ، ބަލި ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ޝިއޯންގްއަކީވެސް ފެބުރުވަރީ މަހު ހޮސްޕިޓަލުން ދޫކޮށްލި މީހެކެވެ.
ވަގުތީ ހޮސްޕިޓަލުގައި ކޮވިޑް-19އަށް ފަރުވާ ދިނުމަށް ޗައިނާއިން ގެންގުޅުނު އުސޫލުތައް ހިއްސާކުރަމުން ޝިއޯންގް ބުނީ، އެންމެ ދުވަހަކުވެސް ދެމުންދިޔައީ ޗައިނާގެ ގަދީމީ ބޭސްފަރުވާގެ ބާވަތްތައް ކަމަށެވެ. ހުޅަނގުގެ ބޭސްފަރުވާ ނުވަތަ އާންމުކޮށް ބޭނުންކުރާ ބޭހެއް ނުދޭކަމުގެ ޝަކުވާ އޭނާ ވަނީ އުފުލާފައެވެ. އާންމުކޮށް ކާ ބޭސް ބޭނުންކުރީ އޭނާ އޭރުވެސް އެ ބައްޔަކަށް ބޭސްކުރަމުންދިޔަ ލޭ މައްޗަށް ދިއުމުގެ ބައްޔަށް އެކަނި ކަންވެސް ޝިއޯންގް ވަނީ ފާހަގަކޮށްފައެވެ.
ޝިއޯންގް ކިޔައިދިން ގޮތުގައި ވަގުތީ ހޮސްޕިޓަލުތަކުގައި ފަރުވާ ދިނުމަށް ހަރަކާތްތެރިވަމުންދިޔައީ ޗައިނާގެ ގަދީމީ ބޭސް (ޓީސީއެމް) ޓީމުތަކުންނެވެ. އަދި މިއީ ޗައިނާ ސަރުކާރުން ކުރިމަތިކުރަމުންދިޔަ ޕްރެޝަރެއްކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ރެކޯޑްތައް ދައްކާ ގޮތުގައި ކޮވިޑް-19އަށް އެގައުމުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 85 ޕަސެންޓް މީހުންނަށް ދީފައިވަނީ ގަދީމީ ބޭސްފަރުވާއެވެ. ނަމަވެސް ހުޅަނގުގެ ބޭސްފަރުވާއަށް ބަރޯސާވެފައިވާ އަދުގެ ދުނިޔޭގައި އެފަދަ ކަމަކުން ކޮށްފާނެ ފައިދާއަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މިއީ އެންމެ އެކަށީގެންވާ ފަރުވާ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ކަންމިހެން އޮތްއިރު، ކޮވިޑް-19އަށް ފަރުވާ ހޯދައިގެން ރަނގަޅުވި ކަމަށް ބުނާ ބައެއް މީހުންގެ ހަށިގަނޑުން އަނެއްކާވެސް ބަލީގެ އަލާމާތްތައް ފެންނަން ފަށާފައިވާކަމުގެ ޚަބަރުތަކެއްވެސް މިހާރު ދަނީ ފެންމަތިވަމުންނެވެ.