މެދުއިރުމަތީގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމުގެ ގޮތުން މިއަދުން ފެށިގެން ލުބްނާނުގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރަން ހަމަޖެހިފައިވާކަމަށް، އެ ގައުމުގެ ރައީސް އޮފީހުގެ މަސްދަރަކުން ހާމަކޮށްފިއެވެ.

ލުބްނާނުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ހޮސްޕިޓަލު ފިޔަވާ އާންމު އަދި ޕްރައިވެޓް ހުރިހާ އިދާރާއަކާ މުއައްސަސާއެއް ބަންދުވާނެއެވެ. ނަމަވެސް ހޮސްޕިޓާ، ބޭސްފިހާރަ އަދި ޕާން ފިހާ ތަންތަނަށް މި އަމުރު ތަންފީޒު ނުވާނެ ކަމަށްވެސް ރައީސް އޮފީހުގެ މަސްދަރާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނި ރިޕޯޓްކޮށްފައެވެ.

ވިޔަފާރީގެ މުއާމަލާތްތައް ހިންގަން ވަގުތު ދިނުމަށްފަހު ބޭންކުތައްވެސް ބަންދުކުރާނެ ކަމަށާ، ސުޕަމާޓްތައްވެސް ދެން ހުޅުވާނީ ވަކި ގަޑިތަކެއް ގައި ކަމަށް މައުލޫމާތު ލިބެއެވެ.

ލުބްނާނުގައި އޮންނަނީ މަދަނީ އެންމެ ވައިގެ ބަނދަރެކެވެ. ވެރިރަށް ބެއިރޫތުގައި އޮންނަ ރަފީގު ހަރީރީ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިދުމަތްތައް މެދުކަނޑާ ނުލާ ކުރިއަށްދާނެ ކަމަށާ، ނަމަވެސް ބަލިމަޑުކަން ގަދަވާކަމަށް ވަނީނަމަ ފަހުގެ ތާރީހެއްގައި އެއާޕޯޓް ބަންދުކުރުމަށް ވިސްނާފައިވާކަމަށް ޚަބަރު ލިބެއެވެ.

ލުބްނާނުގައި ދަތުރުފަތުރުކޮށް އުޅުން މުޅިން މަނާކުރުމާ، އަދިވެސް ކުއްލި ނުރައްކަލުގައި ތަންފީޒު ކުރާ އިތުރު ފިޔަވަޅުތަކާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ ދައުރުން ބޭރު ހާއްސަ ބައްދަލުމެއް، ޖީއެމްޓީ ގަޑިން މިއަދު މެންދުރު 13:00ގައި ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ކުރިން، ލުބްނާނުގެ ދިފާއާއި ބެހޭ އެންމެ މަތީ ކައުންސިލް މެމްބަރުންގެ ބައްދަލުވުމެއްވެސް ޖީއެމްޓީ ގަޑިން 11:30ގައި އެގައުމުގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލުބްނާނުގައި މިހާރުވެސް ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުން ފަށައިގެން އެ ގައުމުގެ ސްކޫލްތަކާ، ޔުނިވާސިޓީތަކާ، ރެސްޓޯރަންޓާ، ނައިޓްކުލަބާ ސަގާފީ މަރުކަޒުތައް ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން ލުބްނާނުގައި އާންމުން ބޭނުންކުރާ ސަރަހައްދެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ހެޑް ޓޮޕިކްސް

މިހާތަނަށް އަދި ފަރުވާއަކާ ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮވިޑް-19އަށް ޕޮޒިޓިވް ކޭހެއް ފެނިގެން ލުބްނާނުން އެންމެ ފުރަތަމަ ރިޕޯޓްކުރީ ހުސްވި މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގައުމުން މި ލިސްޓަށް އިތުރުވި މީހުންގެ އަދަދު ވަނީ 93 އަށް އަރާފައެވެ. އަދި މި ބަލީގައި 3 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ލުބްނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ޚަބަރު ދެއެވެ.

ކޮވިޑް-19ގެ ނުރައްކާ ލުބްނާނަށް ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ 1943 ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނު ފަހުން ލުބްނާނުގެ ތާރީހު ދުށް އެންމެ ގެއްލުން ބޮޑު އިގުތިސޯދީ ކާރިސާގެ ދަނޑިވަޅުވެސްމެއެވެ. އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ލުބްނާނު ފައިސާގެ އަގު ދަށަށް ގޮސްފައިވާއިރު، ބާޒާރުގައި މުދަލާތަކެތީ އަގުވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއާއެކު މުޒާހަރާތައްވެސް ސިލްސިލާ ގޮތެއްގައިހެން ކުރިއަށް ދެއެވެ.

މާލީ ހީނަރުކަން ކުރިމަތިވެފައި އޮތުމުގެ ސަބަބުން ލުބްނާނުގައި ސިއްހީ އާލާތްތައްވެސް ލިބުން ދަތިވެފައިވާކަމަށް ޚަބަރު ލިބެއެވެ. މުޅި ލުބްނާނަށް ބަލާއިރު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އައިސޮލޭޝަން ކޮޓަރިތަކެއް ހާއްސަކުރެވިފައި ހުރީ ބެއިރޫތުގެ ރަފީގު ހަރީރީ ޔުނިވާސިޓީ ހޮސްޕިޓަލުގައި އެކަންޏެވެ.

ކަންމިހެން އޮތްއިރު ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް ވީހާވެސް ގިނަ އަދަދެއްގެ މެޑިކަލް ދަރިވަރުން ހިލޭސާބަހަށް ނިކުމެ ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. މިކަންމިހެން މެދުވެރިވެފައިވަނީ މާލީ ހީނަރުކަން ދިގުލާ ދިއުމުގެ ސަބަބުން ސިއްހީ މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރަ ނުދެވި އެތައް ދުވަހެއް ވެފައި ވަނިކޮށެވެ. ހަމަ މިދަނޑިވަޅުގައި، ރަފީގު ހަރީރީ ޔުނިވާސިޓީ ހޮސްޕިޓަލުގެ އިދާރީ މުވައްޒަފުން ވަނީ، މުސާރާ ނުދިނުމުގެ މައްސަލައާއި ދަތިހާލުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެ މުއްދަތެއް ނެތް ގޮތަށް ހަޅުތާލުވެސް ކުރަން ފަށާފައެވެ.