ކޮވިޑް- 19 ނުވަތަ ކޮރޯނާ ވައިރަހުގެ އަލާމާތްތަކެއް އދ. ވިލަމަންދޫ އައިލެންޑް ރިސޯޓުން އަނެއްކާ ވެސް ދެ މީހަކު އެކަހެރިކޮށް ޓެސްޓު ކުރަން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވިލަމަންދޫ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ބިދޭސީއެއްގެ ކަމަށާއި އެ މީހާއާ ކޮންޓެކްޓްވި އެހެންފަރާތަކާ އެކު، އެ ދެމީހުން އެކަހެރި ކޮށް ބަލަހައްޓަމުން ދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 10 ވަނަ ދުވަހުވެސް، އެ ރިސޯޓްގައި ހުރި ބިދޭސީއަކަށް ޝައްކު ވެގެން، އެ މީހާ އެކަހެރިކޮށް ޓެސްޓް ހަދައިފައި ވާއިރު އޭނާ ވަނީ ކޮވިޑް 19 އަށް ނެގެޓިވްވެފައެވެ. އެއާއެކު އެޗްޕީއޭއިން އެ ރަށް ކަރަންޓީނުން ވަނީ ދޫކޮށްލާފައެވެ.

މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ގެސްޓުން ގެނައުމުގައި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭ އިރުއޮއްސި 6:00 ގެ ފަހުން ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ހުރި މުވައްޒަފެއް ނުވަތަ ފަތުރުވެރިއަކަށް އެހެން ރަށަކަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރަޖިސްޓާކޮށްފައިހުރި ގެސްޓް ހައުސް އަދި ހޮޓެލްތަަކށް މިރޭ 12:00 އިން ފެށީގެން ޗެކްއިންވުންވެސް ވަނީ މަނާކޮށްފައެވެ.