ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ފިލިޕީންސްގެ ވެރިރަށް މަނީލާގެ ބޮޑު ސަރަހައްދެއް މިއަދުން ލޮކްޑައުން ހާލަތަށް ގެންގޮސްފިއެވެ.

މެޓްރޯ މަނީލާ ސަރަހައްދު ނުވަތަ ނޭޝަނަލް ކެޕިޓަލް ރީޖަންގައި 16 ސިޓީއެއް އޮންނައިރު، މިއީ ގާތްގަނޑަކަށް 12.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރެކޯޑްތަކަށް ބަލާއިރު މުޅި ފިލިޕީންސްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 64 އަށް އަރާފައެވެ.

މަނީލާ ލޮކްޑައުންގެ މާނައަކީ ކޮބާ؟

ހަރަކާތްތެރިވުން މަދުކުރުން

މެޓްރޯ މަނީލާ ސަރަހައްދަށް އެއްގަމާ، ކަނޑާ، ވައިގެ މަގުން ކުރާ ހުރިހާ ދަތުރެއް މިއަދުން ފެށިގެން އޭޕްރިލް 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ މެދުކަނޑާލާފައެވެ.

މިހާރަށްވުރެ މަސްރަހު ގޯސްވެއްޖެނަމަ އެ އާބާދީއެއްގެ ބަޔަކު ދިރިއުޅެމުންދިޔަ ގެތަކުގައި އައިސޮލޭޓްކޮށް، ދަތުރުފަތުރު މުޅިން މެދުކަނޑާލާ، ސިއްހަތާ ކާބޯތަކެތީގެ ހިދުމަތް ރެގިއުލޭޓްކުރެވިގެންދާނެއެވެ. ކަރަންޓީނުކޮށްފައިވާ ސަރަހައްދުން ބޭރަށް ނިކުންނަން ޖެހިއްޖެ ހިނދެއްގައި، އެކަން ކުރެވޭނީ ސިއްހީ އޮފިޝަލުން ކުރިއަށް ގެންދާ ސްކްރީނިންގް ޕްރޮސެސްއެއްގެ ތެރެއިންނެވެ.

ބޯޑަރު ޗެކްޕޮސްޓް

މެޓްރޯ މަނީލާ ސަރަހައްދުގައި މިހާރު 70 ޗެކްޕޮއިންޓްއެއް ވަނީ އަޅާފައެވެ. މި ސަރަހައްދުގައި އެތައް ހާސް ފުލުހުންނަކާ އަސްކަރީ ސިފައިން ދަނީ ފޯރިމަރަމުންނެވެ. ބޭނުމަކީ މެޓްރޯ މަނީލާ ސަރަހައްދަށް ވަދެނިކުމެ ހަދާ ހުރިހާ އެންމެން ބަލާ ފާސްކުރުމެވެ.

މެޓްރޯ މަނީލާ ބޯޑަރު ހުރަސްކުރެވެން އޮންނަނީ މަސައްކަތް ކުރާ ތަނުން ދީފައިވާ މުވައްޒަފެއްކަން ކަށަވަރުކުރާ ލިޔުން ދައްކައިގެންނެވެ. އެ ސަރަހައްދަށް އެތެރެވޭ ބޭރުގެ މީހުންނަކީވެސް، މެޓްރޯ މަނީލާއަށް އެތެރެވާތާ 12 ގަޑިއިރުގެ ތެރޭގައި ވައިގެ މަގުން އެސަރަހައްދު ދޫކޮށް ދިއުމަށް ޓިކެޓް ނަގާފައިވާ މީހެއްކަން ސާބިތުކޮށްދޭން ޖެހެއެވެ.

ޗައިނާއާއި ދެކުނު ކޮރެޔާގެ ބައެއް ހިސާބުތަކުން ފިލިޕީންސްއަށް އެއްވެސް ވަރަކަށް ދަތުރު ނުކުރެވޭއިރު، އިޓަލީވިލާތާ އީރާނުން އެތެރެވާ މީހުން ބަލާ ފާސްކުރުމުގެ މަސައްކަތްތައް ވަނީ ވަރުގަދަ ކޮށްފައެވެ.

އިޖުތިމާއީ ދުރުހެލިކަން

ލޮކްޑައުން ހާލަތަށް ގެނެސްފައިވާއިރު ސިނަމާތަކުގައި ފިލްމު އެޅުވުމާ، ކޮންސެޓް ބޭއްވުމާ، ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމާ އާންމުންގެ ބޮޑެތި އެއްވުންތައް ބޭއްވުން މަނަލެވެ. މަސައްކަތުގެ ގޮތުން މަޖުބޫރުވެގެން ނުވަތަ ދީނީ އަޅުމަކެއް އަދާ ކުރުމަށް އެއްވާން ޖެހިއްހެ ހިނދެއްގައިވެސް ކޮންމެ 2 މީހެއްގެ މެދުގައި އެންމެ މަދުވެގެން 1 މީޓަރު (ގާތްގަނޑަކަށް 3 ފޫޓު)ގެ ދުރުމިން ހުންނަންޖެހެއެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ވީ ވަރަކުން ފަހިކޮށްދިނުމަށް ފިލިޕީންސްގެ ސަރުކާރުން ދަނީ އަމިއްލަ ކުންފުނިތަކަށްވެސް ގޮވާލަމުންނެވެ. އަދި އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަސް ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.

ފިލިޕީންސްގައި ތިބި ދިވެހިންގެ ހާލަކީ ކޮބާ؟

ޕިލިޕީންސްގައި ތިބި 117 ދިވެހިން އެމްބަސީގައި ރަޖިސްޓާ ކޮށްފައިވާ ކަމަށް، ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒްވަނީ ވިދާޅުވެފައެވެ.

ދިވެހި ހާރިޖިއްޔާއިންވެސް ވަނީ ފިލިޕީންސްގައި ތިބި ދިވެހިންގެ ހާލު ބަލަމުންދާނެކަން ހާމަކޮށްފައެވެ.