ކޮވިޑް-19އާ ގުޅިގެން ބޭނުންވެއްޖެނަމަ، ސްޓާފުންނަށް ވެސް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭނެ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ކޮވިޑްގެ ޓާސްކްފޯހުގައި ވެސް ހިމެނޭ ފަރާތްތަކަށް ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވެއްޖެ ހިނދެއްގައި އެ ސަޕޯޓް ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އަދި އެފަދަ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތް ކަމުގައިވީ ނަމަވެސް ޓާސްކްފޯސް މަސައްކަތް ކުރަމުންދަނީ އެއްކޮށް، އެއް ޓީމެއްގެ ގޮތުގައި ވަރަށް ވަރުގަދަކޮށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އަކީ އެންމެނަށްވެސް ވަރަށް ސްޓްރެސްފުލް ކަމެއް ކަމަށެވެ. އަދި ރާއްޖެ މިހާރު މިއޮތް ހާލަތުގައި، އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބި އެންމެނަށް މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ)ގެ ފަރާތުން ދަނީ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސޯދަށް އައި ލޮޅުމުގެ ސަބަބުން ބައެއް ގައުމުތަކުން އެ ގައުމުގެ ރައްޔިތުން ނަގާފައިވާ ލޯނާއި، ޓެކްސް ދެއްކުން މަޑުޖައްސާލާ، ގޭގައި ތިބެން ޖެހޭ ރައްޔިތުންނަށް ވަކި އަދަދަކަށް ފައިސާ ދެމުންދާކަން ފާހަގަކޮށް، 'ދަ ޕްރެސް' އިން ވަނީ ރާއްޖެއިން އެފަދަ ވިސްނުމެއް ނުގެންގުޅޭތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި މަބްރޫކް ވިދާޅުވީ، އިގްތިސޯދު މުޅިން ހަލާކުވިޔަ ނުދީ ދިރުން ގެނެވޭނެ ގޮތްތަށް ހޯދުމަށް އެމްއެމްއޭއާ ރާއްޖޭގެ ބޭންކްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން، އިގްތިސޯދު ކުރިއަރާ މިންވަރު ބޮޑު ތަނުން ދަށަށްދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް އަޔަ ނުދޭން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އައިސްފައިވާ ކަމަށާއި އަދި ރާއްޖޭގެ އިގްތިސޯދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އަންނަމުންދާ ކަން ފާހަގަ ކުރައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކުރިން އަންދާޒާ ކޮށްފައިވާ ގޮތުން މިއަހަރުގެ ތެރޭގައި 7.5 ޕަސަންޓުގައި ޖީޑީޕީ ކުރިއަރާނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން، އިގްތިސޯދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު 0.5 ޕަސަންޓާއި -5.6 ޕަސަންޓާއި ދެމެދުގެ މިންވަރެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.