ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ލަންކާގައި އަންނަ ހޯމަ ދުވަސް ބަންދުކުރަން ނިންމައިފިއެވެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ބޭންކު ތަކާއި، ފިހާރަތައް ބަންދުވާނެއެވެ. އަދި އެއްވެސް ޒާތެއްގެ އާންމު ބައްދަލުވުމެއް ނުވަތަ އާންމުން އެއްވާ އެއްވުންތައްވެސް ވަނީ މަނާކޮށްފައެވެ.

ލަންކާގެ އޮފިޝަލުން ބުނާ ގޮތުގައި، މި އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅާނެއެވެ. ލަންކާގެ މިނިންމުމާއެކު އާންމު ބައްދަލުވުންތައް ބޭއްވުން ކުރިއަށް އޮތް 15 ދުވަހަށް މަނާ ވާނެއެވެ.

ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ. ލަންކާއިންވެސް ކޮރޯނާވައިރަސް ފެނިފައިވާއިރު، ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 10 އަރާފައެވެ. އަދި ބައްޔަށް ޝައްކު ކުރެވިގެން 64 މީހަކު ވަނީ ޓެސްޓްކޮށްފައެވެ. މިއަދު މި ވައިރަހަށް އިތުރު 3 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިރު، ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.