އެމްޑަބްލިއުއެސްސީގެ ފަރާތުން 1 ޓަނުގެ ފެން ކޮންމެ ގޭބިސީއަކަށް ހިލޭ ދޭން ނިންމައިފިއެެވެ.

ދަރުބާރުގޭގައި ކޮވިޑް-19 އަށް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ، މިހާލަތުގައި ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް ފެން ކުންފުނި އެމްޑަބްލިއުއެސްސީން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ މިހާރު މިއޮތް ހާލަތުގައި އެ ކުންފުނިން މިގޮތަށް ނިންމުމުން އެކަމަށް މަބްރޫކް ވަނީ އެމްޑަބްލިއުއެސްސީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމްޑަބްލިއުއެސްސީން ފެންދޫކުރާނެ އުސޫލު މާދަމާ އާންމުކުރާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ވަނީ ކޮވިޑް-19 އާ ގުޅިގެން ގޭގެއަށް ގެންދާ ފެންބިލުތައް ގްރައުންޑްފްލޯއާ ހަަމއަށް ގެންދާނެކަމަށްވެސް ބުނެފައެވެ. މިގެ އިތުރުން ބިލް ދެއްކުމަށާއި އަދި އެމޑަބްލިއުއެސްސީގެ އެހެނިހެން ހިދުމަތްތައް ހޯދުމުގައިވެސް އޮންލައިން ހިދުމަތް ބޭނުން ކުރުމަށްވެސް އެ ކުންފިން ވަނީ ކަސްޓަމަރުންނަށް އަންގާފައެވެ،

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އަށް ރާއްޖެއިން ވަނީ 10 މީހަކު ޕޮޒިޓީވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީންނާއި، ސޭންޑީސް ބަތަލާއިން 2 ބިދޭސީންނާއި ކުރަމަތިން 2 ބިދޭސީން އަދި އަނަންތަރާ ދިގުރަށުން އެއް ބިދޭސީއެކެވެ.

މިހާތަނަށް ރާއްޖެއިން ބިދޭސީންގެ ގައިން މި ބަލި ފެނިފައިވީ ނަމަވެސް މި ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ހަފްތާއަަކށް ސްކޫލްތައް ބަންދުކޮށްފައިވާއިރު ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ވަނީ ދެހަފްތާއަށް ބަންދުކޮށްފައެވެ. ގިނައިން މީހުން އެއްވެ އުޅުން މަދުކުރުމަށާއި ޕާކްތައް ފަދަ ހިތްފަސޭހަ މައިޒާންތަކަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.