ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ އާ ގުޅިގެން ރިސޯޓު ތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލަން އެޗްޕީއޭއިން އަންގައިފައިވާ ނަމަވެސް ރިސޯޓުގެ ބޭނުމަށް ރަށުން ފޭބޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުނަށް ވަޒީފާ އަދާ ކުރުމަށް ރިސޯޓަށް ދެވިދާނެ ކަމަށާއި އެހެންދާ މުވައްޒަފުންވެސް ހިމެނޭގޮތަށް އެއްވެސް މުވައްޒަފަކަށް އެ މުއްދަތުގައި ރިސޯޓުން ފޭބުމުގެ ހުއްދަ ނެތް ކަމަށެވެ. ނަމަވެސް ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ދާން ޖެހިއްޖެ ހާލަތެއްގައި އެކަމަށްފާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު އަނބުރާ ރިސޯޓަށް އަންނަގޮތަށް، އެ މުވައްޒަފުންނަށް ހުއްދަ ލިބޭނެ ކަމަށެވެ.

އަދި އެ ފަރާތްރަށް ދަތުރުކުރަމުންދާ ގޮތުގެ މައުލޫމާތު ބަލަހައްޓަން ޖެހޭނެ ކަމަށާއި މުދާއުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ ފަރާތްރަކަށް ރިސޯޓަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހިސާބަށް ދެވޭނެ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުން އެ ރިސޯޓަކަށް އެތެރެވެފައިވާނަމަ އެ ފަރާތްތަށްވެސް ރިސޯޓުން ނުފައިބާ އެ ރިސޯޓެއްގައި މަޑުކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އެ މުއްދަތުގެ ތެރޭގައި އެއްވެސް މުވައްޒަފަކަށްވެސް އަދި އެއްވެސް ފަތުރުވެރިއަކަށްވެސް އެއް ރިސޯޓުން އަނެއް ރިސޯޓަށް ނުދެވޭނެ ކަން ވަނީ ފާހަގަ ކޯށްފައެވެ.

އެޗްޕީއޭއިން އެހެން ބުނެފައި ވަނީ މިއަދު ހެނދުނު އެޗްޕީއޭއިން ނެރުނު ބަޔާނަކާ ގުޅުވައިގެން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުނުކުރުމަށާއި، ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. އެ ނިންމުން ނިންމާފައިވަނީ 14 ދުވަހުގެ މުއްދަތަށްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން އެގޮތަށް ނިންމާފައިވާއިރު، މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ގެސްޓުން ގެނައުމުގައި ފިޔަވަޅުތަކެއް އަޅާފައެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރަޖިސްޓާކޮށްފައިހުރި ގެސްޓް ހައުސް އަދި ހޮޓެލްތަަކށް މިރޭ 12:00 އިން ފެށީގެން ޗެކްއިންވުން ވަނީ މަނާކޮށްފައެވެ.