ކޮވިޑް-19އާ ގުޅިގެން ބަންދުމީހުންގެ އާއިލީ ބައްދަލުވުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން ހާލަތު ނޯމަލް ވަންދެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ބައްދަލުވުންތަކުގައި ވަކިގޮތަކަށް ކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ކޮވިޑް-19އާ ގުޅިގެން ބަންދު މީހުންގެ އާއިލީ ބައްދަލުވުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ަކމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ކޮންމެ 10 ދުވަހަކުން 10 މިނިޓުގެ ފޯނުކޯލެއް ދޭނެ ކަމަށް ފުލުހުން ބުނެއެވެ.
އަދި ރޯގާގެ އަލާމާތެއް ފެންނަން ހުރިނަމަ ވަކީލު ބައްދަލުވުމަށްވެސް ފުރުސަތު ނުލިބޭނެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އެނޫން ހާލަތުގައި ވެސް ބައްދަލުވުމަށް ނުދިއުމަށް އިލްތިމާސް ކުރާ ކަމަށާއި، ވަކީލު ބައްދަލުވުމަށް 30 މިނިޓުގެ ފޯނު ކޯލެއް ދެވޭނެ ކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، އާއިލީ ބައްދަލުވުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވާތީ ބައެއް ބަންދުމީހުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޖަލުގައި ތިބި މީހުން ވަނީ މިއަދު އިހުތިޖާޖު ކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، މިއަދާ ހަމައަށް އައި އިރު ކޮވިޑް-19އަށް ރާއްޖޭގައި މިވަނީ ޖުމްލަ 10 ބިދޭސީން ޕޮޒިޓީވް ވެފައެވެ. އެއީ ކުރެއްދޫން 5 މީހުން، ސޭންޑީސް ބަތަލާއިން 2 މީހުން، ކުރަމަތިން 2 މީހުން އަދި އަނަންތަރާ ދިގުރަށުން އެކެކެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު، 5 ގައުމަކުންނާއި އަދި އިތުރު 3 ގައުމެއްގެ ވަކި ސަރަހައްދުތަކަކުން މީހުން ރާއްޖެ އެތެރެވުން ވަނީ މެދުކަނޑާލާފައެވެ.
ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިރާނު، އިޓަލީ، ބަންގްލަދޭޝްގެ އިތުރުން ސްޕެއިން ހިމެނެއެވެ. އަދި ސައުތް ކޮރެއާގެ ޑޭޔުން އަދި ޖެޔުން ގޮކް އިންނާއި ޖަރުމަނުގެ ބަވާރިއާ، ނޯތް ރައިން ވެސްޓްފޭލިއާ އަދި ބޭޑެން ވިރްތަމްބާގްގެ އިތުރުން ފްރާންސްގެ އިލް ޑި ފްރާންސާއި ގްރޭންޑް އެސްޓް ވެސް މީގެ ތެރޭގައި ހިމެނެއެވެ.