ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މިހާރު ރާއްޖޭންވެސް ފެނިފައި ވާއިރު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުކުރި ވިލިވަރުގައި ދެ ވަނަ ފިޔަވަހި މަސައްކަތް ފަށާ އެތަނުގައި 100 އަށް ވުރެ ގިނަ އެނދު ބަހައްޓާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ކޮވިޑް-19 އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ވިލިވަރުގައި ފޭސް2 މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"ރައީސް މިވަގުތު ވަނީ ނިންމަވާފައި މި ސިޓުއޭޝަންގައި އަޅުގަނޑުމެން ރައްކާވެ ތިބިއްޔާ ދަތުރޭ ދަންނަވާ ބީދައިން. ވިލިވަރު ފޭސް2 އިން އިތުރު ކުރިއެރުމަކަށް ދާން. މިކަމުގައި އަޅުގަނޑު ފާހަގަކޮށްލަން މަސީގެ ފަރާތުން އެހީތެރިކަން ވެދޭނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، މާދަމާގެ ވަގުތެއްގައި ވިލިވަރުގެ ފޭސް2 ގެ މަސައްކަތް ފަށާނެ ކަމަށާއި އަދި އެ މަސައްކަތް ނިމުމުން ޖުމްލަ 100 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެވޭނެ ގޮތަށް އެ ފެސިލީޓީ ގާއިމް ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން އިން ހައުސްކޮށް ގެންނަ މެޑިކަލް މީހުން އެތަނުގައި ތިބެވޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މާލެއާ މާ ދުރުނޫން (30 މިނެޓް) ހިސާބެއްގައި ކުރިން ވެސް ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ގާއިމް ކުރި ކޮވިޑް-19 އިގެ އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދިޔަ، އެ ރަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ހާއްސަ ފެސިލީޓީއަކަށް ބަދަލު ކޮށްފަ އެެވެ. ކޮވިޑް-19 ގެ ބަލި މީހުނަށް ހާއްސަ ކުރަން ވިލިވަރު ދީފައި ވަނީ ރަށުގެ ވެރިޔާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހެވެ.

އިތުރު އަގަކާ ނުލައި، ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ރަށް ސަރުކާރަށް ދީފައިވާތީ، މިއަދުވެސް އަލީ ވަހީދު ވަނީ ޖަނާހުއަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދާ ހަމައަށް އައި އިރު މި ބައްޔަށް ރާއްޖޭގައި މިވަނީ ޖުމްލަ 10 ބިދޭސީން ޕޮޒިޓީވް ވެފައެވެ. އެއީ ކުރެއްދޫން 5 މީހުން، ސޭންޑީސް ބަތަލާއިން 2 މީހުން، ކުރަމަތިން 2 މީހުން އަދި އަނަންތަރާ ދިގުރަށުން އެއް މީހެކެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު ވަނީ އިއުލާންކޮށްފައެވެ. މިއަދާ ހަމައަށް ކޮވިޑް19 އަށް 10 ޕޮޒިޓީވް ކޭސް ރާއްޖެއިން ފެނިފައިވުމުން ރާއްޖެއަށް މީހުން އައުން ވަނީ 5 ގައުމަކުންނާއި އަދި އިތުރު 3 ގައުމެއްގެ ވަކި ސަރަހައްދުތަކަކަުން މެދުކަނޑާލާފައެވެ.

އެ ސަރަހައްދުތަކުގެ ތެރޭގައި ޗައިނާ، އިރާނު، އިޓަލީ، ބަންގްލަދޭޝް، ސްޕެއިން، ހިމެނެއެވެ. އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކާއި ޖަރުމަނާއި ފްރާންސްގެ ވަކި ސަރަހައްދުތަކަކެއް ވެސް މީގެ ތެރޭގައި ހިމެނެއެވެ.