މާލެ ސިޓީގެ ޓޫރިސްޓު ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް ބިދޭސީ ފަތުރުވެރިން މިރޭ 12 އިން ފެށިގެން ޗެކްއިންވުން މަނާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސިޓީ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް މިރޭ 12 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓޫރިސްޓުން ޗެކިންކުރުން ހުއްޓާލަން އަންގާ ކަމަށެވެ. ވެސްނަމަވެސް މިހާރު އެފަދަ ތަންތަނަށް ޗެކްއިން ވެފައި ތިބި މީހުން، އެމީހުންގެ ބުކްއިންގެ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފައެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފައެވެ. އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފައިވާއިރު، މީގެކުރިން ރާއްޖޭގެ ސްކޫލްތައް ހުޅުވުން ވަނީ އެއް ހަފުތާއަށް ލަސްކޮށްފައެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ. އަދި މިހާތަނަށް އައި ރާއްޖެއިން 10 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ.

ކޮވިޑް 19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.