ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އިން ދުރުވުމަށް އެޅެން އޮތް އެންމެ އަސާސީ ފިޔަވަޅަކީ ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ކަމަށްވާއިރު، ވީހާވެސް ގިނަ ބަޔަކަށް އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން، "ސޭފްހޭންޑްސް"ގެ ނަމުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ޗެލެންޖެއް ތައާރަފުކޮށްފިއެވެ.

ހޭޝްޓެގް ސޭފްހޭންޑްސް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް މި ޗެލެންޖު ފަށާފައިވާއިރު، މިއީ ސާފު ތާހިރު އަތެއްގެ ބާރު ދައްކުވައިދިނުމުގެ މަގުސަދުގައި، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ ޗެލެންޖެއްކަމަށް މައުލޫމާތު ލިބެއެވެ.

https://www.youtube.com/watch?v=y7e8nM0JAz0

ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވެސް ވަނީ މި ޗެލެންޖުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ކުންފުނިތަކާ އިދާރާތަކުންވެސް ވަނީ މިކަމަށް އެއްބާރުލުންދީ، ޗެލެންޖުގައި ބައިވެރިވެފައެވެ.

ސިއްހީ އަދި ސައިންސްގެ ރޮނގުން ކުރިއެރުންތައް ހޯދާފައިވާ ބޮޑެތި މުއައްސަސާތަކުންވެސް މިއަދު ދަނީ ސައިބޯނީގެ މުހިންމުކަން ބަޔާންކޮށްދެމުންނެވެ. ސައިބޯނިންވެސް ރައްކާތެރިކަން ލިބޭނެކަން ސާބިތުކޮށްދެމުންނެވެ.