އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މުޖުތަމައު ތެރޭގައި ބަލިމަޑުކަމެއްހެން މި ރޯގާ ފެތުރިގެން ކޮންޓްރޯލް ކުރުމަށް އެ ގައުމަށް އޮތީ ގާތްގަނޑަކަށް 3 ދުވަހުގެ މުހުލަތެއް ކަމަށް، ކަމާބެހޭ ތަޖުރިބާކާރުން ބުނެފިއެވެ.
ޚަބަރު ލިބޭ ގޮތުގައި އިންޑިއާ މިހާރު އޮތީ ކޮވިޑް-19 ބަލިމަޑުކަމުގެ 2 ވަނަ މަރުހަލާގައެވެ. އެހެނީ އެ ގައުމުން މިހާތަނަށް މި ވައިރަހަށް ޕޮޒިޓިވްވަމުންދަނީ، ބަލީގެ އިންފެކްޝަންތައް ފެނިފައިވާ ގައުމުތަކަށް ދަތުރުކޮށްފައިވާ މީހުންގެ ކިބައިން އެކަނި ކަމެވެ.
ކަންމިހެން އޮތް ނަމަވެސް، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް)އިން ބުނީ ބަލީގެ ދެން އޮތް މަރުހަލާއިން ގައުމު ސަލާމަތް ކުރުމަށް އިންޑިއާއަށް އޮތީ ގާތްގަނޑަކަށް 30 ދުވަހުގެ ފުރުސަތެއް ކަމަށެވެ.
އިންޑިއާ ސަރުކާރުން މިހާރުވެސް ދަނީ އެގައުމުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ ދަތުރުފަތުރު ހުއްޓާލުން ފަދަ ހަރުކަށި ފިޔަވަޅުތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ދެވަނަ މަރުހަލާގައި އިންޑިއާ އޮތްއިރު، ބަލިޖެހިފައިވާ މީހެއްގެ ގައިން ރަށުގައި ހުރި މީހެއްގެ ގަޔަށް ވައިރަސް ދަތުރުކުރަނީ މި މަރުހަލާގައެވެ. މިއާއެކު 3 ވަނަ މަރުހަލާއަށް ގައުމުގެ ހާލަތު ބަދަލުވެއެވެ. އަދި މުޖުތަމައުގެ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވައިރަސް ފޯރަމުންދެއެވެ.
އިންޑިއާގެ އެކި ހިސާބުތަކުގައި ކޮވިޑް-19އަށް 51 ލެބެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ދުވާލެއްގެ މައްޗަށް 90 ސާމްޕަލް، ތަހުލީލުކުރެވޭނެ ކަމަށް އެގައުމުން މައުލޫމާތު ދެއެވެ.