ދެކުނު އޭޝިއާ ގައުމުތަކުގެ ސަރަހައްދީ އިއްތިހާދު (ސާކު) ގައުމުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ކުރިމަތިލާނެ ގޮތުގެ އިސްތިރާޖު އެކުލަވާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިސްނަންގަވައިގެން ކުރިއަށް ގެންދަވާ މަޝްވަރާތަކުގައި ޕާކިސްތާނުން ބައިވެރިވާނެކަން އެގައުމުން ކަށަވަރުކޮށްދީފިއެވެ.
ވީޑިއޯ ކޮންފަރެންސް ޓެކްނޮލޮޖީ މެދުވެރިކޮށް އާދީއްތަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ޕާކިސްތާނު ތަމްސީލުކުރައްވާނީ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ހާއްސަ އެސިސްޓަންޓް ޑރ ޒަފަރު މިރުޒާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕާކިސްތާނު ހާރިޖިއްޔާގެ ތަރުޖަމާނު ޢާއިޝާ ފާރޫގީވެސް ވަނީ މިފަދަ ވާހަކަތަކެއް ޓްވީޓްކުރައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ނުރައްކަލާ ކުރިމަތިލުމަށް ގައުމީ އަދި ސަރަހައްދީ ފެންވަރުގައި އެއްބާރުލުން ބޭނުންވާ ކަމަށާ، ސާކް ގައުމުތަކުގެ ވީޑިއޯ ކޮންފަރެންސްގައި ޕާކިސްތާނުން ބައިވެރިވާނެކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.
މި ކޮންފަރެންސްގައި ޕާކިސްތާނުން ބައިވެރިވާނެކަން ޑިޕްލޮމެޓިކް އިމުގެ ތެރެއިންވެސް ކަށަވަރުކޮށްދީފައިވާކަމަށް ޚަބަރު ލިބެއެވެ.
ސާކްގެ ހުރިހާ ގައުމަކުންވެސް ވަނީ މިމަޝްވަރާތަކުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައެވެ. އެގޮތުން ބޫޓާންގެ ބޮޑުވަޒީރު، ނޭޕާލްގެ ބޮޑުވަޒީރު އަދި ސްރީލަންކާގެ ރައީސާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އިންޑިއާގެ މި ދައުވަތު ގަބޫލުކުރައްވާފައެވެ. ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާނުންވެސް ވަނީ މި ކޮންފަރެންސްގައި ބައިވެރިވާނެކަން ހާމަކޮށްފައެވެ.
2016 ވަނަ އަހަރު އިންޑިއާގެ ޔޫރީއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ސާކްގެ މަސައްކަތްތަކާ ހަރަކާތްތެރިވުން ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. މިއީ ޕާކިސްތާނުން ރާވައިގެން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނާއިރު އިންޑިއާއިންވަނީ އެ އަހަރު ޕާކިސްތާނުގައި އޮތް ސާކް ސަމިޓް ބޮއިކޮޓްކޮށްފައެވެ.