އޭޑީކޭ ހޮސްޕިޓަލުން އޮންލައިން ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ.

އޭޑީކޭން ބުނީ އެފުލޫ ކްލިނިކް ހުޅުވާފައި ވަނީ މިއަދު ކަމަށާއި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް އެ ކްލިނިކް ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި އެޕޮއިންޓްމަންޓު ހެދުމަށް އޭޑީކޭގެ ނަންބަރަށް ގުޅުމުން ހެއްދޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. ޑިޖިޓަލް މެމޯއެއް ފޯނަށް ލިބޭނެ ކަމަށާއި އާސްކް އޭޑީކޭ (ވައިބާ، ޓެލެގްރާމް ނުވަތަ ފޭސްބުކް މެސެންޖާ) މެދުވެރިކޮށް ކިއު ތަރުތީބު ބެލޭނެ ކަމަށެވެ. ހަމައެހެންމެ ކިއު ތަރުތީބުން އޮންލައިން ކްލިނިކްގެ ޑޮކްޓަރު ގުޅާނެ ކަމަށާއި ބަލިމީހާގެ މައުލޫމާތު ހިއްސާ ކުރުމަށް ފަހު ކޮންސަލްޓޭޝަން ކުރިޔަށް ގެންދާނެ ކަމަށް ވެސް އޭޑީކޭ އިން ބުނެއެވެ. ޑޮކްޓަރަކާ ބައްދަލުވެ ދެއްކުމާއި އޮންލައިންކޮށް ދެއްކުމުގައިވާ ތަފާތަކީ އެގޮތުން ބަލިމީހާ ތަފްސީލުކޮށް ބެލުމުގެ ފުރުސަތު އޮންލައިންކޮށް ނަމަ ވަރަށް ކުޑަ ވުމެވެ.

އޮންލައިންކޮށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ތެރޭގައި ބަލީގެ އަލާމާތްތަކުގެ ތަފްސީލު ހޯދުމާއި މައުލޫމާތު ފޯރުކޮށްދިނުމާއި ގޭގައި ބޭސްކުރުން ރައްކާތެރި ބޭސްތަކާއި ބޭނުން ކުރާނެ ގޮތްތައް އިތުރުން ބޭސް ސިޓީއަކުން ފޯރުކޮށްދިނުން އަދި ކުރިޔަށް ދާންވީ ގޮތުގެ މަޝްވަރާ ދިނުން ހިމެނޭ ކަމަށްވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.

އޭޑީކޭއިން އޮންލައިން ކްލިނިކެއް ހުޅުވާފައި ވާއިރު، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ބިދޭސީން ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގައި ހުޅުވާފައި ވާއިރު މާލޭގައި ވަނީ ޓްރެވެލް ކްލިނިކެއްވެސް ހުޅުވާފައެވެ. މީގެ އިތުރުން ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއްވެސް ހުޅުވައިފައެވެ.

މިހާތަނަށް ރާއްޖެއިން 9 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 4 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.

މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ. އަދި މިހާތަނަށް އައި ރާއްޖެއިން 9 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ.