ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޓެސްޓުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ވެބްސައިޓެއް ލޯންޗުކުރުމުގެ މަސައްކަތް، ގޫގްލްއާއި އޭގެ ބެލެނިވެރިން އެލްފަބެޓް ކުންފުނިން ކުރަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕްވެސް ވަނީ މިފަދަ އިޝާރާތެއް ކުރައްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕްވަނީ، މިމަސައްކަތުގައި ގޫގްލްގެ 1700އެއްހާ އިންޖިނިއަރުން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19އަށް ޓެސްޓުކޮށް ސްކްރީން ކުރުމަށް ގޫގްލްއިން ފަރުމާ ކުރަމުންދާ ވެބްސައިޓްއަކީ، ސުވާލު ކަރުދާހެއް ހިމެނޭ ގޮތަށް ފަރުމާކުރާ ވެބްސައިޓްއެކެވެ. އަދި ކޮވިޑް-19އަށް ޓެސްޓުކުރެވެން ހުރި މަގުތައްވެސް އެ ވެބްސައިޓް މެދުވެރިކޮށް ދައްކަމުންދާނެ ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ކޮވިޑް-19ގެ ރިސްކުތަކާ، އަލާމާތްތަކާ ބެހޭ މައުލޫމާތުވެސް މި ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާޏެ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުންވަނީ ހާމަކުރައްވާފައެވެ.

ގޫގްލްގެ ސީއީއޯ ސުންދަރު ޕިޗާއީވެސް ވަނީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާއެކު މަސައްކަތްތަކެއް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ.

ގޫގްލްއިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުންފުނީގެ ފެންވަރުގައިވެސް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ވީވަރަކުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ގޫގްލް ކުންފުނީގެ އެތައް ސަތޭކަ ހާސް މުވައްޒަފުންނަކަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. ކަންމިހެން އޮތްއިރު، އިންޑިއާގެ ބެންގަލޫރުގައި ގޫގްލްއިން އޮޕަރޭޓްކުރާ އޮފީހުގެ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ޚަބަރު ލިބެއެވެ.