ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ފެންނަމުންދިޔަ ދެކުނު ކޮރެޔާއިން މި ވައިރަހަށް ޕޮޒިޓިވްވެގެން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވަނީ 107 މީހެއް ކަމަށް ދެކުނު ކޮރެއާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ކޭސީޑީސީ)އިން ހާމަކޮށްފިއެވެ.
މިއީ ފެބުރުވަރީ 22 ވަނަ ދުވަހުގެ ފަހުން މިއަދަދު މިހާ ދަށުން ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ. ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރުވެސް އެގައުމުން ކޮވިޑް-19އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ރެކޯޑް ކުރަމުންދަނީ މަދުންކަން ފާހަގަކުރެވެއެވެ.
ހުކުރު ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެރިރަށް ސޯލްއިން ޕޮޒިޓިވްވި 13 މީހަކު ގުޅިފައިވަނީ، އެ ސަރަހައްދުގައި މި ރޯގާ އެންމެ ހަލުވިކަމާއެލު ފެތުރެމުންދިޔަ ކަމަށް ހުސްވި ހަފުތާ ތެރޭގައި ފާހަގަކުރެވުނު ކޯލް ސެންޓަރާއެވެ.
ކޮވިޑް-19 ޖެހިގެން ހުކުރު ދުވަހު ދެކުނު ކޮރެޔާއިން 5 މީހަކު މަރުވި ކަމަށް ކޭސީޑީސީއިން ރިޕޯޓްކޮށްފައިވާއިރު، މިއާއެކު އެ ގައުމުން ކޮވިޑް-19ގެ ޝިކާރައަކަށްވެ މަރުވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ.
ހުސްވި ފެބުރުވަރީ މަހުގެ ތެރޭގައި ދެކުނު ކޮރެއާގައި ކޮންޓްރޯލެއް ނެތި ކޮވިޑް-19 ފެތުރެމުންދިޔައީ، ނަސޯރާ ދީނުގެ ވަކި ފިކުރެއްގެ ބަޔަކާ ގުޅިފައިވާ ޖަމާއަތެއްގެ މެމްބަރުންގެ ފުށުން ކަމަށް ޚަބަރުތައް ބުނެއެވެ. އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުންނެވެ.