މީރު އައިލެންޑް ރިސޯޓުން ބިދޭސީންތަކެއްގެ ގައިން ކޮވިޑް19ގެ އަލާމާތް ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މީރު އައިލެންޑް ރިސޯޓުގައި ތިބި ބިދޭސީންތަކެއްގެ ގައިން ކޮވިޑް19ގެ އަލާމާތް ފެނުމުން މިހާރު އެ ރަށް ދަނީ މޮނިޓާ ކުރަމުން ކަމަށެވެ.

އަދި އެ ބިދޭސީންގެ ސާމްޕަލްސް ނަގާފައިވާކަމަށާއި އެމީހުން ތިބީ އައިސޮލޭޓް ކޮށްފައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީރު އައިލެންޑް ރިސޯޓުން ބަލީގެ އަލާމާތް ފެނިފައިވަނީ ކިތައް ބިދޭސީންގެ ކަމާއި އެއީ ކޮން ގައުމެއްގެ ބައެއް ކަން އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ބަނޑޮސް އައިލެންޑް ރިސޯޓުން ބިދޭސީއަކާއި ޝެރަޓަން ފުލް މޫން ރިސޯޓުގައި ހުރި ބިދޭސީއެއް މި ބައްޔަށް ޝައްކު ކުރެވޭތީ ސާމްޕަލްސް ނަގާފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ބަނޑޮސް އަދި ފުލް މޫން ވެސް މިހާރު ދަނީ މޮނިޓާ ކުރަމުންނެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލޔވުމުގައި މި ބަލީގެ އަލާމާތްތައް ހުރި އިތުރު ކޭސްތަކުގެ މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ސަފާރީއެއްގައި ތިބި ދެ ގެސްތޭއްގެ ގައިން މި ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި އެ ދެމީހުން މިހާރު ތިބީ ސަފާރީގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.

ހަމައެއާއެކު ސިކްސް ސެންސް ލާމުން 4 ބިދޭސީއަކު އައިސޮލޭޓްކޮށްފައިވާ ކަމަށާއި އެ 4 މީހުންނަކީ އެމީހުން ތިބި ގައުމުން ކައިވެންޏަކަށް ދިޔަ ބައެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ކައިވެނީގެ ހަފްލާގައި މި ބައްޔަށް ޕޮޒިޓިވް ވި މީހާކު ހުރުމުން އެމީހާ އައިސޮލޭޓް ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ބ. ފެހެނދޫގެ ގެސްޓް ހައުސަކަށް އައި ފުތުރުވެރިއެއްގެ ގައިން މި ބަލީގެ އަލާމާތް ފެނިފައިވާ ކަމަްވެސް މަބްރޫކް ވިދާލުވިއެވެ.

މިހާތަނަށް ރާއްޖެއިން 9 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 4 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.

މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.

އަދި މިހާތަނަށް އައި ރާއްޖެއިން 9 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ.