ޝެރަޓަން ފުލް މޫން ރިސޯޓުގައި ހުރި ބިދޭސީއެއް ގައިން ކޮވިޑް19ގެ އަލާމާތް ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ޝެރަޓަން ފުލް މޫން ރިސޯޓުގައި ހުރި ބިދޭސީއެއް ގައިން ކޮވިޑް19ގެ އަލާމާތް ފެނުމުން މިހާރު އެ ރަށް ދަނީ މޮނިޓާ ކުރަމުން ކަމަށެވެ.

އަދި އެ ބިދޭސީ މީހާގެ ސާމްޕަލްސް ނަގާފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ބަނޑޮސް އައިލެންޑް ރިސޯޓުންވެސް މި ބައްޔަށް ޝައްކު ކުރެވޭ ބުދޭސީއެއްގެ ސާމްޕަލްސް ނަގާފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ބަނޑޮސް ވެސް މިހާރު ދަނީ މޮނިޓާ ކުރަމުންނެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލޔވުމުގައި މި ބަލީގެ އަލާމާތްތައް ހުރި އިތުރު ކޭސްތަކުގެ މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ސަފާރީއެއްގައި ތިބި ދެ ގެސްޓެއްގެ ގައިން މި ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި އެ ދެމީހުން މިހާރު ތިބީ ސަފާރީގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.

ހަމައެއާއެކު ސިކްސް ސެންސް ލާމުން 4 ބިދޭސީއަކު އައިސޮލޭޓްކޮށްފައިވާ ކަމަށާއި އެ 4 މީހުންނަކީ އެމީހުން ތިބި ގައުމުން ކައިވެންޏަކަށް ދިޔަ ބައެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ކައިވެނީގެ ހަފްލާގައި މި ބައްޔަށް ޕޮޒިޓިވް ވި މީހާކު ހުރުމުން އެމީހާ އައިސޮލޭޓް ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ބ. ފެހެނދޫގެ ގެސްޓް ހައުސަކަށް އައި ފުތުރުވެރިއެއްގެ ގައިން މި ބަލީގެ އަލާމާތް ފެނިފައިވާ ކަމަްވެސް މަބްރޫކް ވިދާލުވިއެވެ.

މިހާތަނަށް ރާއްޖެއިން 9 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 4 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.

މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.