ކޮރޯނާވައިރަސްގެ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ބ ދަރަވަންދޫ އެއާޕޯޓުން އެ ދެ މީހުން އެކަހެރިކޮށްފި ކަމަށް ހަބަރު ލިބިއްޖެއެވެ. މިކަމާ ގުޅިގެން އެޗްޕީއޭ އަދި ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒުވެސް އެއްޗެއް ނުބުނެއެވެ.
މައުލޫމާތު ލިބިފައިވަނީ ބ. އަތޮޅުގެ ރިސޯޓަކުން ދަރަވަންދޫ އެއާޕޯޓަށް ފުރަށް ގޮސް ހުރި 2 މީހެއްގެ ގައިން ކޮރޯނާވައިރަހަށް ޝައްކުވާ އަލާމާތްތަކެއް ވަނީ ފެނިފައެވެ. އަދި އެކަމާ ގުޅިގެން އެ 2 މީހުނަށް ހިދުމަތް ކުރި އެއާޕޯޓުގެ ބައެއް މުވައްޒަފުންވެސް އެތާނގައި އެކަހެރި ކޮށްފައި ކާމަށް ވަނީ އެނގިފައެވެ.
ރާއްޖެއިން ކޮރޯނާވައިރަސް ފެނުނު ފަހުން ގިނަ ރިސޯޓުތަކަކުން ދަނީ ޝައްކު ކުރެވޭ މީހުން ފެނިގެން ސާމްޕަލް ނަގާ ޓެސްޓް ކުރަމުންނެވެ. ސަރުކާރުން މިހާތަނަށް ހާމަ ކުރި މައުލޫމާތުތަކުން ކޮރޯނަވައިރަސްއަށް ރާއްޖެއިން 9 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބޭރުމީހުންނެވެ.
ރާއްޖެއިން ކޮރޯނާވައިރަސް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ބޭރުގެ ފަތުރުވެރިން އެބަތިއްބެއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން، އެކި އަލާމާތްތައް ފެންނާތީ ރަށު ފެންވަރުގައި ސިއްހީ އޮފިޝަލުން ބަލަމުންދާކަންވެސް ވަނީ އެނގިފައެވެ. އެގޮތުން ހއ ކެލާގައި ހުރި ފަތުރުވެރިއަކުވެސް ޝައްކު ކުރެވޭތީ އެކަން އެޗްޕީއޭއަށް އަންގަން މަސައްކަތް ކުރާކަން ވަނީ އެނގިފައެވެ.
މި ހާދިސާއާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވާތޯ އެހުމުން މަބްރޫކު ވިދާޅުވެފައިވަނީ އޭނާއަށް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.