ފިޕީންސްގެ މެނީލާގައި ތިބި ދިވެހިންގެ ހާލު ފޮރިން މިނިސްޓްރީން ބަލަމުންދާ ކަމަށް ކޮވިޑް19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޕިލިޕީންސްގެ މެނީލާ މިހާރު ވަނީ ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައި ކަމަށެވެ. އެެހެންކަމުން މަނީލާގައި ކިޔަވާ ދިވެހި ކުދިން އަދި އެގައުމުގައި ތިބި ދިވެހިންނަށް ފޮރިން މިނިސްޓްރީ އަދި ބަންގްލަދޭޝްގައި ހުންނަ ހައި ކޮމިޝަނާ ގުޅިގެން މުއާމަލާތް ކުރެވެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މެނީލާ އަކީ ޕިލިޕީންސްގެ ވެރިކަން ކުރާ ރަށެވެ. މިހާތަނަށް ކޮވިޑް-19 އަށް އެގައުމުން ވަނީ 64 މީހުން ޕޮޒިޓިވް ވެފައެވެ.

ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އެންމެ ފުރަތަމަ ރާއްޖެއިން ވަނީ ޗައިނާގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން މިހާތަނަށް 9 ދިވެއްސަކު ރާއްޖެއަށް ވަނީ ގެނެސްފައެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޗައިނާގައި ޖުމްލަ 43 ދިވެހިން ތިއްބެވެ.

ކޮވިޑް19 ހަލުވިކޮށް ފެތުރެމުން ދިއުމާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް އަންނަ ފްއިޓްތައް ހުއްޓާލައި އަދި ޗައިނާގައި ތިބި ދިވެހިން ރާއްޖެ އައުމަށް ބޭނުންވުމުން އެމީހުން ގެނައުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް19 ގެ މިހާރުގެ ހާލަތަށް ބަލާއިރު މި ބައްޔަށް ޕޮޒިޓީވް ވެފައިވާ 9 މީހުން ވަނީ ފެނިފައެވެ. އެއީ ހުސް ބިދޭސީންނެވެ.

ދުނިޔޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ކޮވިޑް19 އަށް 136،703 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 5،088 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 69،771 އަށް އަރާފައެވެ.