ކިނބިހި އަޅާ، ކެއްސާ ނޫނީ ކޮފީ ބޯން ވީމައި ދަތްދޮޅި ދަށުގައި މާސްކް އެޅުވުމުގެ ބޭނުމެއް ނޯންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅިވެއްޖެއެވެ.

ޑރ ފައިސަލް މިހެން ވިދާޅުވީ މީހަކު މާސްކް އަޅައިގެން ހުރެފައި ކިބިހި އަޅަން ވީމައި މާސްކް ނަގަނީ ކަމަށް ބުނެ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެއީ އާންމު ކަމަކަށް ނުވި ނަމަވެސް މަދުން ފެންނަމުން ދާ މަންޒަރެކެވެ. ބައެއް މީހުން ކެއްސުމަށްވެސް މާސްކް ނަގައިގެން ކެއްސާ ކަމަށް ފާހަގަ ވެ އާންމުންގެ ޝަކުވާއަކަށް ވެސް ވަނީ ވެފައެވެ.

ޑރ. ފައިސަލް ވިދާޅުވީ، މިހާރު ރާއްޖޭގައި މިއޮތް ހާލަތަށް ބަލައި އަދިވެސް ރައްކާތެރިވާން ޖެހޭ ކަމަށެވެ. މާސްކުގެ ބޭނުމަކީ ކެއްސާ ކިނބިހި އަޅާއިރު އެ ނިކުންނަ ވައިރަސް އެކުލެވޭ ދަވަތައް މާސްކުގެ ތެރޭގައި އޭތިއެ ވައިރަސްތައް ކުނިވަށިގަނޑަށް ލެވެންދެން ހިފެހެއްޓުން ކަމަށާއި މާސްކެއް އެޅުމަށް ފަހު ނަގަން ވާނީ އެއްލާލަން ވީމައި ކަމަށެވެ.

ތަފާތު ބަލިތަކުގައި ރައްޔިތުން ހޭލުންތެރި ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ޑޮކްޓަރަކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލެވެ. އެގޮތުން ކޮވިޑް 19 ނުވަތަ ކޮރޯނާއިން ރައްކާތެރި ވުމަށްޓަކައި ގިނައިން އަތް ދޮވުމާއި، މި ވައިރަހުން ސަލައިމަށް ވުމަށް އަޅަން ޖެހޭ ގިނަ ފިޔަވަޅު ތަކާ ގުޅޭ ގިނަ އިރުޝާދުތަކެއް ދެއްވައެވެ.

ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަސް އަށް މިހާތަނަށް އައި އިރު ރާއްޖެއިން ވަނީ ނުވަ ފަރާތެއް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން ހަތަރު ބިދޭސީއަކާއި، ސޭންޑީސް ބަތަލާއިން ދެ ބިދޭސީއަކާއި ކުރަމަތިން ދެ ބިދޭސީއެއްގެ އިތުރުން އަނަންތަރާ ދިގުރަށުން އެއް ބިދޭސީއެކެވެ.

އައިސޮލޭޝަންގައި ތިބި މީހުންނަށް ބަލާއިރު މިހާރު ފަރުކޮޅުފުށީގައި ޖުމްލަ 8 މީހުން ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. ވިލިވަރުގައި 17 ފަރާތެއް ތިބި އިރު ޑީއެޗް11 ގައި އެކަކު އެޑްމިޓް ކުރެވިފައިވާ ކަމަށާއި ދެވަނަ ފަރާތެއް އައިސޮލޭޝަންގައި ބަހައްޓާފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

ދުނިޔޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ކޮވިޑް19 އަށް 136،703 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 5،088 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 69،771 އަށް އަރާފައެވެ.