ރާއްޖޭގެ ފަތުރުވެރިކަންކުރާ ނުވަ ރިސޯޓެއްގެ މުވައްޒަފުން ރިސޯޓުގައި މަޑުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރާ ނުވަ ރިސޯޓެއްގެ މުވައްޒަފުންނަށް ވަކި ގޮތެއް އަންގަންދެން ރިސޯޓުގައި މަޑުކުރުމަށް އެޗްޕީއޭއިން އަނގާފައިވާ ކަމަށެވެ.

އެ ރިސޯޓުތަކަކީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ އާއި، ކުރަމަތި، ސަމާ އައިލެންޑްގެ އިތުރުން ވިލިމަންދޫ ވަން އެނޑް އޮންލީ ރީތިރަށާއި އިރުވެލި، އޮބްލޫ-ސަންގެލި ރިސޯޓާއި ސިކްސް ސެންސް ލާމު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު މި ބައްޔަށް ވަނީ ނުވަ ފަރާތެއް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން ހަތަރު ބިދޭސީއަކާއި، ސޭންޑީސް ބަތަލާއިން ދެ ބިދޭސީއަކާއި ކުރަމަތިން ދެ ބިދޭސީއެއްގެ އިތުރުން އަނަންތާރާ ދިގުރަށޫން އެއް ބިދޭސީއެކެވެ.

މި ބަލީގެ އަލާމާތްތައް ހުރި އިތުރު ކޭސްތަކުގެ މައުލޫމާތު ދެއްވަމުން މިއަދު މަބްރޫކް ވިދާޅުވީ، ސަފާރީއެއްގައި ތިބި ދެ ގެސްޓެއްގެ ގައިން މި ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި އެ ދެމީހުން މިހާރު ތިބީ ސަފާރީގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.

ހަމައެއާއެކު ސިކްސް ސެންސް ލާމުން ހަތަރު ބިދޭސީއަކު އައިސޮލޭޓްކޮށްފައިވާ ކަމަށާއި އެ ހަތަރު މީހުންނަކީ އެމީހުން ތިބި ގައުމުން ކައިވެންޏަކަށް ދިޔަ ބައެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ކައިވެނީގެ ހަފްލާގައި މި ބައްޔަށް ޕޮޒިޓިވް ވި މީހާކު ހުރުމުން އެމީހާ އައިސޮލޭޓް ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ބ. ފެހެންދޫގެ ގެސްޓް ހައުސަކަށް އައި ފުތުރުވެރިއެއްގެ ގައިން މި ބަލީގެ އަލާމާތް ފެނިފައިވާ ކަމަށާއި އޮލޫވެލި ބީޗް ރިސޯޓުން ދެ ބިދޭސީއެއްގެ ގައިން މިބަލީގެ އަލާމާތް ފެނިގެން ޓެސްޓު ކުރެވެމުންދާ ކަމަށް މަބްރޫކް ވިދާލުވިއެވެ.

މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.