ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ބަތަލާއިން 126 ފަތުރުވެރިން އަދި ކުރަމަތިން 73 ފަތުރުވެރިން ރާއްޖެއިން ފުރައިފިއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރިސޯޓުތަކުން ފަތުރުވެރިން ފުރަމުން ދާއިރު ބަތަލާއިން 126 ފަތުރުވެރިންނާއި ކުރަމަތިން 73 ފަތުރުވެރިން އަދި ކުރެއްދޫން 220 ފަތުރުވެރިން ފުރާފައިވާ ކަަމަށެވެ.

އެހެންކަމުން މިހާތަނަށް މި ބަލި ފެނުނު ރިސޯޓުތަކުން ޖުމްލަ 419 ފަތުރުވެރިން ވަނީ ރާއްޖެއިން ފުރާފައެވެ.

އެންމެ ގިނަ ފަތުރުވެރިން ފުރާފައި ވަނީ ކުރެއްދޫންނެވެ. އެ ރިސޯޓުން މިދިޔަ ބުދަ ދުވަހު ފުރާފައި ވަނީ 44 ފަތުރުވެރިންނެވެ. އިއްޔެ 69 ފަތުރުވެރިން ފުރާފައިވާ އިރު މިއަދު ފުރާފައި ވަނީ 107 ފަތުރުވެރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް މިބައްޔަށް 9 މީހަކު ރާއްޖެއިން ޕޮޒިޓިވް ވެފައި ވާއިރު މިކޭސްތައް ފެނިފައި ވަނީ 4 ރިސޯޓަކުންނެވެ. އެންމެ ފިތަމަ މި ކޭސް ފެނިފައިވަނީ އަދި އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެއީ ޖުމްލަ ހަތަރު ފަރާތެކެވެ. އެއަށްފަހު ސޭންޑީސް ބަތަލާއިން 2 މީހަކު އަދި ކުރަމަތިން 2 މީހަކު ވަނީމި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެންމެ ފަހުން މިބައްޔަށް ޕޮޒިޓިވް ކޭސްއެއް ފެނިފައިމި ވަނީ އަނަންތަރާ ރިސޯޓުން އެއް ބިދޭސީއެކެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި 9 ފަރާތަކީ ހުސް ބިދޭސީންނެވެ.

އައިސޮލޭޝަންގައި ތިބި މީހުންނަށް ބަލާއިރު މިހާރު ފަރުކޮޅުފުށީގައި ޖުމްލަ 8 މީހުން ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. ވިލިވަރުގައި 17 ފަރާތެއް ކަރަންތިން ކުރެވިފައި ތިބި އިރު ޑީއެޗް11 ގައި އެކަކު އެޑްމިޓް ކުރެވިފައިވާ ކަމަށާއި ދެވަނަ ފަރާތެއް އައިސޮލޭޝަންގައި ބަހައްޓާފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން ފެނުމާއެކު ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި މިބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހަފްތާއަކަށް ސްކޫލްތައް ހުޅުވުން ވަނީ ފަސްކޮށްފައެވެ. ހަމައެއާއެކު އަންނަ ލޯކަލް ކައުންސިލް އިންތިހާބުވެސް ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފައެެވެ.

ދުނިޔޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ކޮވިޑް19 އަށް 136،703 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 5،088 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 69،771 އަށް އަރާފައެވެ.