ބަތަލާ ރިސޯޓުން ކޮވިޑް19 އަސް ޕޮޒިޓިވްވި 70 އަހަރުގެ މީހާ ހާލު ދެރަކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް އޭނާ ބަދަލުކުރީ ވެސް އޭނާގެ އުމުރުގެ ގޮތުން ޑޮކްޓަރުންގެ ލަފާގެ މަތިން ގާތުން ފަރުވާ ދޭންޖެހޭތީއެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ހާއްސަ ޑރ. މޫސާ މުރާދު ވިދާޅުވީ އެމީހާގެ އޮކްސިޖަން ލެވަލް ދަށްވެފައިވާތީ އޮކްސިޖަން ދެމުން ގެންދާ ކަމަށެވެ. މުރާދު ވިދާޅުވީ އެމީހާގެ ހަށިގަނޑުގެ އޮކްސިޖަން ލެވަލް ހިފަހައްޓަން ޖެހެނީ އޮކްސިޖަން ދީގެން ކަމަށެވެ.

"އިތުރަކަށް އޭނާގެ ހާލަތު ގޯހެއް ނުވޭ. އޭނާގެ އެހެން ކަންތައްތައް ހުރީ ރަނގަޅަށް. ހަމައެކަނި އޮކްސިޖަން ނުހިފެއްޓޭތީ އޮކްސިޖަން ދީގެން މޮނިޓާ ކުރަމުން މިގެންދަނީ. އޭނާގެ އެހެން ކަންކަން ރަނގަޅު." ޑރ.މުރާދު ވިދާޅުވިއެވެ.

އެމީހާގެ ހާލަތާއި ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ އެމީހާ އަދި ވެންޓިލޭޓަރަށް ލާންޖެހޭ ވަރު ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމީހާގެ ހަށިގަނޑުން ރަނގަޅު އެއް ނިޝާން ފެނިފައިވާ ކަމަށެވެ. އެގޮތުން އެމީހާގެ ހަށިގަނޑުގައި ހުންވެސް ނެތްކަން ޑރ. މުރާދު ފާހަގަކުރެއްވިއެވެ.

އެމީހާގެ އިތުރުން އޭނާގެ އަންހެނުން ވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެ އަންހެން މީހާ ދަރުމަވަންތަ އަށް ބަދަލުކުރީ އަންހެން މީހާގެ ހާލަތު ސީރިއަސް ވެގެނެއް ނޫނެވެ.

ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ 9 މީހަކު މިހާރު ވަނީ ފެނިފައެވެ. މި ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެގޮތުން އޭގެތެރެއިން ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. އަދި ބައެއް މީހުންނަކީ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައި ތިބި ފަތުރުވެރިންނެވެ. ރާއްޖޭގައި މިހާރު ވަނީ 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.