ދުނިޔޭގައި ހަލުވިކަމާއެކު ފެތިރެމުންދާ ކޮވިޑް19 އާ ގުޅިގެން އަނަންތަރާ ދިގުރަށް ރިސޯޓުން 12 މީހަކު އައިސޮލޭޓް ކޮށްފިއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އަނަންތަރާ ރިސޯޓުން މިހާރު ޖުމްލަ 12 މިހަކު އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ.

މިއަދު އެ ރިސޯޓުން މި ބައްޔަށް ބިދޭސީއަކު ޕިޒިޓިވް ވެފައި ވާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން ބުނެފައި ވަނީ ކޮންޓެކްޓް ޓްރޭސީން ހެދުމަށް ފަހު 11 ފަރާތެއް އައިސޮލޭޓް ކޮށްފައި ވާ ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު މިވަނީ 12 އަށް އަރާފައެވެ.

މަބްރޫކް ވިދާޅުވީ އަނަންތަރާއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ބިދޭސީ މީހާ މިހާރު ފަރުކޮޅުފުއްޓަށް ގެނައުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އަނަންތަރާއަކީ މި ބައްޔަށް ޕޮސިޓީވް ކޭސް ފެނުނު 4 ވަނަ ރިސޯޓެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ ކުރެއްދޫންނެވެ. އެއީ ޖުމަލަ ހަތަރު ފަރާތެކެވެ. އެއަށްފަހު ސޭންޑީސް ބަތަލާއިން 2 މީހަކު އަދި ކުރަމަތިން ދެމީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާރު ރާއްޖޭގައި މިބައްޔަށް 9 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ.

އައިސޮލޭޝަންގައި ތިބި މީހުންނަށް ބަލާއިރު މިހާރު ފަރުކޮޅުފުށީގައި ޖުމްލަ 8 މީހުން ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. ވިލިވަރުގައި 17 ފަރާތެއް ތިބި އިރު ޑީއެޗް11 ގައި އެކަކު އެޑްމިޓް ކުރެވިފައިވާ ކަމަށާއި ދެވަނަ ފަރާތެއް އައިސޮލޭޝަންގައި ބަހައްޓާފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

ކޮރޯނާވައިރަސްއަށް ޕޮޒިޓިވް މީހުން ފެނުމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާން ކޮށްފައެވެ. އަދި މިބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހަފްތާއަކަށް ސްކޫލްތައް ހުޅުވުން ވަނީ ފަސްކޮށްފައެވެ. އަންނަ ލޯކަލް ކައުންސިލް އިންތިހާބުވެސް ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފައެެވެ.

ދުނިޔޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ކޮވިޑް19 އަށް 136،703 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. 5،088 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 69،771 އަށް އަރާފައެވެ.